ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މުޅި މުޖުތަމައުގެ ވެސް ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންމެވެ.

Ad
rt

އެ ރަސްމިއްޔާތުގައި ދެއްކެވިވާހަކަފުޅުގައި ފަސްޓްލޭޑީ ސާޖިދާ ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވަކި އިދާރާއަކުން ނޫނީ ވަކި މުއައްސަސާއަކުން އެކަނި ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ.

އެކަމަނާ ވިދާޅުވިގޮތުގައި އެއީ، މުޅި މުޖުމަތައުގެ އެންމެހާ ރައްޔިތުންނާވެސް ގުޅިފައިވާ ކަމަކަށްވާއިރު، ފަރުދީ ގޮތުން ކޮންމެ ރައްޔިތަކުވެސް އަދާކުރައްވަންޖެހޭ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް ފަސްޓްލޭޑީ އިލްތިމާސްކުރެއްވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅިއްޖެނަމަ ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ކުޑަކުރެވިގެން ދާނެ ކަމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި މެދު އާންމުންނާއި ކަމާއި ގުޅޭ މުއައްސަސާތައް އަހުލުވެރިކުރުމަކީ ކާބޯތަކެތީގެ ޒަރީއާއިންޖެހޭ ބަލިތައް ކޮންޓްރޯލްވެ އެކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ކުޑަ ކުރެވިގެންދާނެ ކަމަށްވެސް ފަސްޓްލޭޑީ ވަނީ ފާހަގަކުރަށްވާފައެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަޤްޞަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، އާއްމުން ހޭލުންތެރިކުރުވައި، ކާބޯތަކެތީގެ ޒަރީއާއިން ދިމާވާ އިޤްތިޞާދީ އަދި ޞިއްޙީ މައްސަލަތަކުން ސަލާމަތްވެ ދުޅަހެޔޮ އުފާވެރި މުޖުތަމައެއް ބިނާކުރުމެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން، ޖަރާސީމާއި ތަފާތު ކެމިކަލުން ތަޣައްޔަރުވެފައިވާ ކާބޯތަކެތީގެ ނުރައްކާ އަހަރަކު 600 މިލިއަނަށް ވުރެ ގިނަމީހުން ތަހައްމަލުކުރެއެވެ. މީގެތެރެއިން އަހަރަކު ގާތްގަޑަކަށް 420،200 މީހުންގެ ފުރާނަ ގެއްލިގެންދެއެވެ. ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތަކުގެ ތެރޭގައި އެންމެ އާދައިގެ ބޭރަށް ހިންގުމުން ފެށިގެން ކެންސަރުފަދަ ނުރައްކާތެރި ބަލިތައް ހިމެނެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހަކީ 07 ޖޫންއެވެ. މި އަހަރުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ"ކާބޯތަކެތީގެ ރައްކާތެރިކަން: ކުރިމަތިވެދާނެ ކަމަކަށް ތައްޔާރުވަމާ" މި ސުރުޚީއެވެ.