ޗައިނާއިން ރާއްޖެއަށް ޓިބެޓް ގްލޭޝިއަލް ފެން ހަދިޔާކުރުމުން ފެނާބެހޭ ޤަވާއިދުތަކާ މެދު ބައިނަލްއަޤްވާމީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގޭގައި ފެން ހިމާޔަތްކުރުމުގެ ހަރުކަށި ގަވައިދުތައް ތަންފީޒު ކުރަމުން އަންނައިރު، ޗައިނާގެ ޓިބެޓުން ރާއްޖެއަށް 3،000 މެޓްރިކް ޓަނުގެ ގްލޭޝިއަލް ފެން ވަނީ ހަދިޔާކޮށްފައެވެ.
މާޗް މަހާއި މެއި މަހު ދެ ބެޗަކަށް ބަހާލައިގެން ފެން ހަދިޔާ ކުރި އިރު، ޗައިނާއިން ފެން ހިމާޔަތް ކުރުމުގެ އާ ގަވައިދެއްވަނީ އެކުލަވާލައިފައެވެ. އެގަވާޢިދުގެ މަގްސަދަކީ ޓިބެޓްގައި ފެން ހިމާޔަތް ކުރުމުގެ މަސައްކަތްތަކަށް އިސްކަންދީ، އެކި ސަރަހައްދުތަކުގައި ފެން ބޭނުންކުރުން މަދުކުރުމެވެ.
ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި ބެއިޖިންއިން މިފިޔަވަޅަކީ ދެކުނު އޭޝިއާ އާއި އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެގައުމުގެ ޖިއޮޕޮލިޓިކަލް ނުފޫޒު ފުޅާކުރުމަށް ޓިބެޓްގެ މީރު ފެން ރިޒާވް ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމެވެ.
އިންޑިއާގެ ތަކްޝީލާ އިންސްޓިޓިއުޝަންގެ ރިސާޗް އެނަލިސްޓެއް ކަމަށްވާ އަނުޝްކާ ސަކްސޭނާ ވިދާޅުވި ގޮތުގައި ޗައިނާ އިން އަންނަނީ "ވޯޓާ ޕޮލިޓިކްސް" ގައި ހަރަކާތްތެރިވެ ދެކުނު އޭޝިއާގައި ޗައިނާގެ ނުފޫޒު ވަރުގަދަ ކުރުމަށް ކަންތައްތަކެއް ކުރަމުނެވެ.
"ޗައިނާއިން ރާއްޖެއަށް ފެން އެކްސްޕޯޓު ކުރުމުގައި އެޅި ފިޔަވަޅަކީ ޓިބެޓްގެ ފެނުގެ ވަސީލަތްތައް ބޭނުންކުރުމުގައި ގެންގުޅޭ ބޮޑު ވިސްނުމާ އެއްގޮތް ކަމެއް ނޫން." ސަކްސޭނާ ވިދާޅުވިއެވެ.
ޗައިނާގެ ޓިބެޓް އޮޓޮނޮމަސް ރީޖަންގެ ޗެއާމަން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް ފަހު، އެ ގައުމަށް ގްލޭޝިއަލް ވޯޓާ ހަދިޔާ ދެއްވީ ދެ ގައުމުން އެއްބަސްވުން ފައިނަލް ކުރުމަށް ފަހު އެވެ. އިންފްރާސްޓްރަކްޗާ ލޯނާއި އަސްކަރީ އެއްބާރުލުން ދީގެން ރާއްޖެއިން ވަނީ ބެއިޖިންއާ ގާތް ގުޅުމެއް އުފައްދައިފަ އެވެ.
ނަމަވެސް އެ ސަރަހައްދުގައި ތިބި ޓިބެޓް މީހުން އާރްއެފްއޭގެ ޓިބެޓަން ސަރވިސްއަށް މައުލޫމާތު ދެމުން ބުނީ ޗައިނާގެ ފެން ހިމާޔަތްކުރުމުގެ ސިސްޓަމެޓިކް ކެމްޕޭންތަކާއި ލޯކަލް ބޭނުންކުރުމަށް ހުރަސްއެޅުމުގެ ސަބަބުން އެމީހުންނަށް އަމިއްލައަށް ފެނުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ.
"އަޅުގަނޑަށް އަޑުއިވިފައި އޮތީ ޗައިނާއިން ޓިބެޓުން ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ދުނިޔޭގެ އެހެން ހިސާބުތަކަށް ހިލޭ ހަދިޔާ ކުރަނީ ސިޔާސީ މަންފާއެއް ހޯދުމަށް ކަމަށް، އެހެންނަމަވެސް ޓިބެޓްގައި ލޯކަލް ޓިބެޓުންނަށް އެކަށީގެންވާ ވަރަށް ބޯފެން ނުލިބޭ." އެއް ބޭފުޅަކު ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފެނުގެ ދަތިކަން އިތުރުވަމުންދާއިރު، ޓިބެޓް ޕްލެޓޯގެ ކޯރުތަކާއި ގްލޭޝިއާތަކުގެ ކޮންޓްރޯލް ވަނީ އޭޝިއާގެ ޖިއޮޕޮލިޓިކަލް ވާދަވެރިކަމުގެ އާ މަރުޙަލާއެއްގެ ގޮތުގައި އުފެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!