އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް، އެފަދަ އެހީތެރިކަން އިސްރާއީލަށް ވެދެމުން އަންނަ ޤައުމުތަކަށް، ތުރުކީގެ ރައީސް އުރުދުޣާން އިލްތިމާސްކުރައްވައިފިއެވެ.

ޣައްޒާގައި ހިންގަމުންދާ "ޖަރީމާތައް" އިތުރުވަމުންދާ ދަނޑިވަޅެއްގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ އިސްރާއީލަށް ހަތިޔާރު ސަޕްލައި ކުރަމުން އަންނަ ގައުމުތަކުން ޣައްޒާއަށް އެތައް މަހެއްވަންދެން ދެމުން ގެންދާ ނުރައްކާތެރި ހަމަލާތަކުގައި އިސްރާއީލުގެ "ޖަރީމާތަކުގައި ބައިވެރިވުން" ހުއްޓާލުމަށް ގޮވާލައްވައިފައެވެ.

Ad
rt

އުރުދުޣާން ވިދާޅުވީ އިސްރާއީލުގެ ޖަރީމާތަކަށް އެހީތެރިކަންދީ ހަތިޔާރު ފޯރުކޮށްދޭ ގައުމުތަކުން މިހާރު މި ޖަރީމާތަކުގައި ބައިވެރިވާން ނުޖެހޭ ކަމަށެވެ.

ޣައްޒާގައި ހިނގަމުންދާ "ގަތުލުއާންމު" ނިމުމަކަށް ގެނައުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައްވަމުން އުރުދުޣާން ވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް އެހީތެރިވުމަށް "އިޚްލާޞްތެރި އަދި ޒިންމާދާރު މަސައްކަތްތަކެއް ކޮށްދިނުމަށް ހުރިހާ ފަރާތްތަކަކަށް" ގޮވާލައްވާފައެވެ.

އޮކްޓޯބަރު 7، 2023 ގައި ހަމާސް ޖަމާއަތުން ދިން ހަމަލާއަށް ފަހު އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ނަމަވެސް އިޒްރޭލުން ދަނީ ޣައްޒާއަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް ކުރިއަށް ގެންދަމުންނެވެ.

އޭގެ ފަހުން ޣައްޒާގައި ފަލަސްތީނުގެ 36،600 އެއްހާ މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި 83،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެއެވެ.

އިސްރާއީލު ހަނގުރާމައަށް އަށް މަސް ވީއިރު، ޣައްޒާގެ ބޮޑު ބައެއް ވަނީ ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސް ބޭނުންކުރުން ހުއްޓުމަކަށް އައިސްފައެވެ.

ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ޖަރީމާގެ ތުހުމަތު ކުރެވޭއިރު، އެންމެ ފަހުން ނެރުނު ހުކުމުގައި ވަނީ މެއި މަހުގެ ހަވަނަ ދުވަހު ފަލަސްތީނުގެ އެތައް މިލިއަން ބަޔަކު ހަނގުރާމައިން ހިމާޔަތް ހޯދާފައިވާ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާހުގައި ތެލްއަވީވް އިން ހިންގާ އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް އަމުރުކޮށްފައެވެ.