ނަރުދޫ ސްޕޯޓްސް ފިއެސްޓާ ފުޓްސަލް މުބާރާތުގެ ސެމީއަށް ޓީމްތައް ހޮވިއްޖެ

photo_2024-06-06_06-28-19

ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ''ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024'' ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލަށް ޓީމްތައް ހޮވިއްޖެއެވެ.

މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އެއްވަނަ ހޯދާ ޓީމާއި ހަތަރުވަނަ ހޯދާ ޓީމެވެ. ދެވަނަ ސެމީގައި ވާދަކުރާނީ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ. ސެމީ މެޗުތައް ކުޅުމަށް ތާވަލު ކޮށްފައި ވަނީ މި މަހު އަށްވަނަ ދުވަހުއެވެ.

ގްރޫޕް ސްޓޭޖް ފަހު މެޗުތައް މިއަދު ކުޅޭއިރު، މިއަދު މެޗުތައް ކުޅުމުގެ ކުރިން މިވަނީ ސެމީއަށް ހޮވޭނެ ހަތަރު ޓީމް ޔަގީންވެފައެވެ. އިއްޔެގެ (މެޗް ޑޭ 5) މެޗުތަކަށް ފަހު ޕޮއިންޓް ޓޭބަލް އޮތްގޮތަށް ބަލައިލާއިރު ދިހަ ޕޮއިންޓާއިއެކު އެއްވަނާގައި އޮތީ ފިއުރިޔަސްއެވެ. ނުވަ ޕޮއިންޓާއިއެކު ދެވަނާގައި ލެއިޓް ވުލްފް އޮތްއިރު ހަތް ޕޮއިންޓް ހޯދައިގެން ތިންވަނާގައި އޮތީ ބްލެކް ކޯނާއެވެ. ހަތަރުވަނާގައި ހަ ޕޮއިންޓް ހޯދައިގެން އޮތީ ދަ ބެންޗެވެ. މި ހަތަރު ޓީމަށް ވަނީ ސެމީން ޖާގަ ކަށަވަރު ވެފައެވެ. މުބާރާތުން ކަޓާފައި ވަނީ ބީސީ ލަޔަންސްއާއި ޑާކް ހޯސްއެވެ. އެ ދެ ޓީމަށް ކުޅުނު ހަތަރޔ މެޗުން ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

މިއަދު މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުތައް ކުޅޭނެއެވެ. ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ބީސީ ލަޔަންސްއާއި ލެއިޓް ވުލްފެވެ. ދެވަނަ މެޗުގައި މިރޭ ފިއުރިޔަސް ނުކުންނާނީ ޑާކް ހޯސްއާއި ދެކޮޅަށެވެ. ތިންވަނަ މެޗުގައި ބައްދަލުކުރާނީ ބީސީ ލަޔަންސްއާއި ދަ ބެންޗެވެ.

މުބާރާތުގައި އިއްޔެ ކުޅުނު މެޗުތަކަށް ބަލައިލާއިރު، ހަވީރު ޑާކް ހޯސްއާއި ބީސީ ލަޔަންސް ބައްދަލު ކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޑާކް ހޯސްގެ ޖޯޒީ ނަމްބަރު 8، ހުސެއިން މާހިލް އާމިރްއެވެ.

އިއްޔެގެ ދެވަނަ މެޗުގައި ދަ ބެންޗުން ވަނީ 5-2 ގެ ނަތީޖާއިން ބްލެކް ކޯނާ ބަލިކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ދަ ބެންޗްގެ ޖޯޒީ ނަމްބަރު 9، މުހައްމަދު ނާއިލްއެވެ.

އިއްޔެގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ލެއިޓް ވުލްފާއި ފިއުރިޔަސް އެވެ. މި މެޗު 5-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ފިއުރިޔަސްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ފިއުރިޔަސް ޓީމްގެ ޖޯޒީ ނަމްބަރު 10، އަޔާޒް އަހްމަދެވެ.

މި މުބާރާތުގައި ޖުމްލަ 6 ޓީމް ވާދަކުރެއެވެ. އެ ޓީމްތަކަކީ ފިއުރިއަސް، ބްލެކް ކޯނާ އެފްސީ، ބްލެކް ކޯނާ ލަޔަންސް، ޑާކް ހޯސް، ލެއިޓް ވުލްފް، އަދި ދަ ބެންޗް އެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހު 10 ވަނަ ދުވަހުގެ ހަވީރުއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފަނަރަހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ތިލަދުން" އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި