މި އަހަރުގެ ތިމާވެށީގެ ދުވަސް (5 ޖޫން 2024) ފާހަގަ ކުރުމުގެ ގޮތުން ހދ.އަތޮޅު ކައުންސިލުން "ޗާލު ހާދާލު" ނަމުގައި ބާއްވާ ފޮޓޯ މުބާރާތަށް، ފޮޓޯ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހދ.އަތޮޅުގެ ގުދުރަތީ ރީތިކަން ހާމަކުރުމާއި، ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރުވުމާއި ވެށީގެ ހާލަތު ފޮޓޯގެ ޒަރީއާއިން ބަޔާންކޮށްދިނުމެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމާފައި ވަނީ ހަމައެކަނި ހދ.އަތޮޅުގެ ރައްޔިތުންނަށެވެ. މުބާރާތަށް ފޮޓޯ ހުށަހެޅޭނީ ތިން ކެޓަގަރީއަކުންނެވެ. އެ ކެޓަގަރީތަކަކީ ހދ.އަތޮޅުގެ ގުދުރަތީ ރީތިކަން، ހދ.އަތޮޅުގެ ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކާއި ނުރައްކާ އަދި ހދ.އަތޮޅުގެ ޤުދުރަތީ ދިރުންތައް، މިއެވެ. މި މުބާރާތަށް ހުށަހަޅާ ފޮޓޯތައް ވާންޖެހޭނީ ހދ.އަތޮޅުގެ ސަރަހައްދުގައި ނަގާފައިވާ ފޮޓޯތަކަށެވެ.
އިންސާފު ކުރުމުގައި ބަލާނެ މައިގަނޑު ބައިތައް ގޮތުގައި ހިމަނާފައި ވަނީ ފޮޓޯގެ އުފެއްދުންތެރިކަމާއި، ފޮޓޯގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީއާއި ފަންނުވެރިކަމާއި ހުނަރުވެރިކަމުގެ އިތުރުން ކެޓަގަރީއާއި ގުޅުންހުރި މިންވަރެވެ.
މި މުބާރާތުގައި ހޮވަން ހަމަޖެހިފައި ވަނީ އެއްވަނަ ދެވަނަ އަދި ތިންވަނައެވެ. އެއްވަނައަށް 2500 (ދެހާސް ފަސްސަތޭކަ) ރުފިޔާ، ދެވަނައަށް 1500 (ފަނަރަ ސަތޭކަ) ރުފިޔާ އަދި ތިންވަނައަށް 1000 (އެއްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތަށް ފޮޓޯ ހުށަހެޅުމަށް ލިމިޓެއް ނެތެވެ. އެ ބައިވެރިޔަކު ބޭނުން ވަރަކަށް ފޮޓޯ ހުށަހެޅިދާނެއެވެ. ނަމަވެސް ހުށަހަޅާ ކޮންމެ ފޮޓޯއެއް ނަގާފައިވާ ރަށާއި ލޮކޭޝަން އެނގޭނޭހެން ކުރު ތައާރަފެއް ދޭން ޖެހެއެވެ.
މިމުބާރާތަށް ފޮޓޯ ހުށަހެޅުމަށް، ހުށަހަޅާ ފޮޓޯއާއި އެ ބައިވެރިއެއްގެ އައިޑީ ކާޑުގެ ކޮޕީއަކާއެކު މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ދަންވަރު ބާރަޖެހުމުގެ ކުރިން އަތޮޅު ކައުންސިލްގެ އީމެއިލް އެޑްރެސްއަށް މެއިލް ކުރެއްވުމަށް އެ އިދާރާއިން އެދެއެވެ
އީމެއިލް އެޑްރެސް، info@haadhaal.gov.mv
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!