ދިވެހި ކަނޑުފަޅުގެ ފުރިހަމަނަފާ ރައްޔިތުންނަށް ހޯދޭނޭމަގަށް ސިޔާސަތުތައް ބައްޓަންކޮށްދެއްވާ، މިޔަރުގެ މަސްވެރިކަން ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް ގޮވާލައިފިއެވެ.

މޫސުމީ މަސްވެރިކަމެއްގެ ގޮތުގައި ވަކި ސަރަހައްދުތަކެއް ހާއްސަކޮށްގެން ނަމަވެސް މިޔަރު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް އާތިފް ވަނީ ސަރުކާރަށް ގޮވާލާފައެވެ.

Ad
rt

މޭޔަރ މިއަދު ސޯސަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2000 ގެ އަހަރުތަކާއި ހަމައަށް ކުޅުދުއްފުށީގެ އިޤްތިޞާދެއް ރާއްޖޭގެ ނިސްބަތުން އާރޯކަންހުރި ތިޔާގި އިޤްތިޞާދެއް ކަމަށާއި މައިގަނޑު ސަބަބަކީ ދެ ދާއިރާއަކުން ގިނަ އަދަދަކަށް ބޭރުފައިސާ އެ ރަށަށް ވަންނަމުން ދިއުން ކަމަށެވެ.

އެ ދެދާއިރާގޮތުގައި އާތިފް ފާހަގަ ކުރައްވާފައި ވަނީ ލޭނު މަސްވެރިކަން (މިޔަރުގެ މަސްވެރިކަން) ކޮށް ލޮނުމަސް އެކްސްޕޯޓްކުރުމުގެ ބޮޑު ސިނާއަތެއް ރަށުގައި އުފެދިފައި އޮތުމާއި، ބޭރުގެ ޝިފިންލައިންތަކުގައި އެ ރަށުގެ ގިނަ އަދަދެއްގެ ސީމަނުން މަސައްކަތް ކުރަމުން ދިޔުމެވެ.

މިޔަރު މަސްވެރިކަން އެ ރަށުގައި ފުޅާވެފައިވާ މިންވަރު ފާހަގަ ކުރައްވަމުން އާތިފް ވިދާޅުވީ މަސްވެރިން މިޔަރު ރަށަށް ގެނައުމުން، ރޮލަށް ރަށުން ބޭރުކުރުމުގެ ބަދަލުގައި ވެލިއުއެޑްކޮށް އަގު މައްޗަށްޖެއްސުމުގެގޮތުން މަހާއި އުރަހާގައި ލޮނުއަޅާ ޓްރީޓް ކުރުމުގެ މަސައްކަތް ރަށުގައި ކޮށް، އެމަސައްކަތުގައި ޝާމިލްވެ ގިނަބަޔަކު ނަފާވެރިކަން ހޯދަމުންދިއުން ކަމަށެވެ.

މިޔަރު މަސްވެރިކަމުން ލިބޭ ނަފާ ސީދާގޮތުންނާއި ނުސީދާގޮތުން ނުފޯރާ އާއިލާއެއް އެ ދުވަސްވަރު ނެތްކަން ފާހަގަ ކުރައްވަމުން އާތިފް ވިދާޅުވީ އޭރު ކުޅުދުއްފުށީގެ އިޤްތިޞާދުގެ %60 އަށްވުރެ މަތިން ހިއްސާކުރާނީ ލޭނުގެ މަސްވެރިކަން ކަމަށެވެ.

އެމަސައްކަތް ހުއްޓާލަން ޖެހުމާއެކު ކުޅުދުއްފުށީގެ އިޤްތިސާދުގައި ރައްޔިތުންނަށް އަމިއްލަޔަށް ފޫބެއްދޭވަރަށްވުރެ ބޮޑު ބާގަނޑެއް އުފެދިގެންދިޔަ ކަމަށާއި އަދި އެކަން ފޫބެއްދޭނޭވަރުގެ އިތުރު އެހެން މަސައްކަތެއް ނުވަތަ އެކަމުން އަރައިގަތުމުގެ ފުރުސަތު އެއްވެސް ސަރުކާރަކަށް މިހާތަނަށް ފަހިކޮށްދެވިފަނެތްކަން ހިތާމައާއެކު އާތިފް ވަނީ ފާހަގަ ކުރައްވާފައެވެ.

އާތިފް އިތުރަށް ވިދާޅުވީ މިޔަރު މަސްވެރިކަން ކުރުން މަނާކުރުމާއިއެކު އެކަމުން ލިބުނު ގެއްލުމާއި، އެކަމުން އަރައި ގަނެވޭނެ ގޮތެއް ވެސް ދެއްކިފައި ނެތުމާއި މިޔަރު މަސްވެރިކަމާއި ގުޅޭގޮތުން ހުރި ކަންބޮޑުވުން ތައް އަދުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށާއި މަސްވެރިކަމާބެހޭ ވަޒީރާއިވެސް ހިއްސާކުރެވިފައި ވާނެ ކަމަށެވެ.

ރާއްޖޭގެ ކަނޑުފަޅުތަކުން މިޔަރު ބޭނުމާއި ހިފުން މަނާކޮށްފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރުއެވެ. އޭގެފަހުން ފާއިތުވެ މިދިޔަ ފަނަރަ ވަރަކަށް އަހަރުތެރޭ ރާއްޖޭގެ ކަނޑުތަކުގައި އާދަޔާ ހިލާފަށް މިޔަރު ގިނަވެ، މީހުންނަށް ހަމަލާ ދިނުމުގެ ހާދިސާތައް ހަމަ ކޮންމެ އަހަރަކު ވެސް އަންނަނީ ހިނގަމުންނެވެ. މީގެއިތުރުން ހުރިހާ ބާވަތެއްގެ މަސްވެރިކަމަށް ވެސް މިޔަރުގެ އުނދަގޫ ބޮޑުވެ، މަސްވެރިން މިޔަރުގެ ޝަކުވާ ކުރަމުން އަންނަތާ ވެސް ވަނީ އަހަރުތަކެއް ފާއިތުވެގެން ގޮސްފައެވެ.

މިފަހުން އަނެއްކާ ވެސް މިޔަރާއި ގުޅޭ ވާހަކަތައް ފެންމަތިވެފައި މިވަނީ މިދިޔަ އާދީއްތާ ދުވަހު މޫދަށް ފައިބައިގެން އުޅުނު ސިފައިންގެ އޮފިސަރަކަށް މިޔަރެއް ދިން ހަމަލާއަކާއި ގުޅިގެން އޭނާ ނިވާވުމާއި ގުޅިގެންނެވެ.