ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ވަނީ މިވަގުތު ދިވެހިރާއްޖޭގެ ކަންކަން ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ކުރެވެންހުރި ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވާފައިކަމަށް ރައީސް އޮފީހުން ބުނެއެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އިޤްތިޞާދީ ދާއިރާގެ ކަންކަމާ ބެހޭގޮތުންނާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެށި ޙިމާޔަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ސަރުކާރުން ދިވެހިރައްޔިތުންގެ ކުރިއެރުމަށް ކުރައްވަން ރާވާފައިވާކަންކަމުގައި، މަޖިލީހުގެ ފަރާތުން ބޭނުންވާނެ އެއްބާރުލުން ފުރިހަމައަށް ދެއްވާނެކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި މަޖިލިސް ރައީސްގެ އަރިހުގައި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާޙީމް ފަލާހް ވެސް ބައިވެރިވެވަޑައިގަތެވެ.
20 ވަނަ މަޖިލިސް ހުވާކޮށް، 20 ވަނަ މަޖިލީހުގެ ދައުރު ފަށާފައި ވަނީ 28 މެއި 2024 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!