ޓައިވާން ޗައިނާ އާ ވަކިކުރަން ބަޔަކު އުޅޭނަމަ އެބަޔަކާ ދެކޮޅަށް ބާރުގެ ބޭނުން ކުރާނެ ކަމަށާއި ޓައިވާނަށް މިނިވަންކަން ލިބުނު ނުދޭނެ ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ ދިފާއީ ވަޒީރު ޑޮން ޖުން މިހެން ވިދާޅުވީ ސިންގަޕޫރުގައި ކުރިއަށް ދާ ޝަންގްރިއްލާ ޑަޔަލޮގް ކޮންފަރެންސް ގައި އާދިއްތަ ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ޗައިނާގެ ދިފާއީ ވަޒީރު ވިދާޅުވީ، ޓައިވާނުގެ މައްސަލައަކީ ޗައިނާ އަށް އެންމެ މުހިންމު މައްސަލަ ކަމަށެވެ. މިހެން މިކަން އޮއްވާ، ޑޮންގ ވިދާޅުވީ ތައިވާނުގެ ސަރުކާރު ހިންގާ ޑިމޮކްރަޓިކް ޕްރޮގްރެސިވް ޕާޓީން ހުއްޓުމެއް ނެތި މަސައްކަތް ކުރަނީ ޗައިނާ އިން ޓައިވާނު ވަކިކޮށް ޗައިނާގެ އައިޑެންޓިޓީ ފުހެލުމަށް ކަމަށެވެ.

ޗައިނާ އިން ދެކެމުން އަންނަނީ ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ޓައިވާނުން އަންނަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.

ހުސްވި މެއި މަހުގެ 20 ވަނަ ދުވަހު ޓައިވާންގެ އައު ރައީސް ވިލިއަމް ލައި މަގާމާ ހަވާލުވެ ވަޑައިގަތް ރަސްމިއްޔާތުގައި ޗައިނާ އާ ދެކޮޅަށް ދެއްކެވި ވާހަކަފުޅާ ގުޅިގެން ޗައިނާ އިން ނުރުހުން ފާޅު ކުރުމުގެ ގޮތުން އަސްކަރީ ތަމްރީންތަކެއް ޓައިވާން ވަށައިގެން ބޭއްވުމާ ގުޅިގެން މަސްރަހް އިތުރަށް ހޫނުވެގެން ދިޔަކަން ފާހަގަ ކުރެވެއެވެ.

ޓައިވާންގެ އައު ރައީސްގެ ވާހަކަފުޅަށްވެސް ޗައިނާގެ ދިފާއީ ވަޒީރު ވަނީ ހަރުކަށި އިބާރާތުން ރައްދު ދެއްވާފައެވެ. ދިފާއީ ވަޒީރު ޑޮންގ ވިދާޅުވީ އެ ވާހަކަތަކަކީ ޗައިނާ އަށާއި އެގައުމުގެ ކާބަފައިންނަށް ޣައްދާރުވުން ކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވީ، ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ އަކީ ބަލި ނުކުރެވޭނެ ލަޝްކަރެއް ކަމަށާއި، އެއީ ހަކަތަ ހުރި ވަރުގަދަ ބާރެއް ކަމަށާއި، އެ ލަޝްކަރުން އުފަން ބިން ދިފާއު ކުރުމުގަ އާއި އެއްބައިވަންތަ ކުރުމުގައި ވަރުގަދަ އަޒުމާ ހިތްވަރާ އެކު މަސައްކަތް ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޗައިނާގެ އަސްކަރިއްޔާ އިން ޓައިވާނަށް މިނިވަންކަން ލިބުނަ ނުދޭނެ ކަމަށާއި އެކަމަށް މަސައްކަތްކުރާ ބަޔަކަށް ދުވަހަކު ވެސް ކާމިޔާބު ނުވާނޭ ކަމަށެވެ.