އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތް ހެދުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.
އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ.
ކެބިނެޓް ބައްދަލުވުމަށް ފަހު މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން އިއުލާން ކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާންއެވެ.
މިއަދު ކެބިނެޓް ބައްދަލުވުމުގައި ވަނީ ފަލަސްތީނާއި އިޒްރޭލުގެ މައްސަލާގައި، ރާއްޖެއިން އިސްކަންދިނުމަށާއި ކޮށްދިނުމަށް ފަލަސްތީނުން އެދޭކަންކަން ދެނެގަތުމަށް، ސްޕެޝިއަލް އެންވޯއީއެއް ކަނޑައަޅެމަށް ވެސް ނިންމާފައެވެ.
މީގެއިތުރުން ޔޫ.އެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ އަހުންނާއި އުހްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމެވުމާއި "ފަލަސްތީނާއިއެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވެވުމަށް ވެސް ވަނީ ނިންމާފައެވެ.
އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހްތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމުން، މިކަން ކުރިއަށް ގެންދިއުމަށް ވަނީ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލެއްވުމަށް ވެސް ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!