ރަޝިއާގެ ސަރަހައްދަށް ހަމަލާދިނުމަށް އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރު ބޭނުންކުރުމަށް ޔޫކްރެއިންއިން އެދުމުން އެކަމަށް ރުހުން ދިން ކަމަށް އެމެރިކާއިން އިއުތިރާފުވެއްޖެއެވެ.

އެމެރިކާގެ ރައީސް އެކަމަށް ހުއްދަ ދެއްވި ކަމުގައިވިޔަސް އެހުއްދަ ދީފައިވަނީ، ޔޫކްރެއިންގެ އުތުރުގެ ސިޓީއެއް ކަމަށްވާ ޚާރްކީވް އާއި އެ ސިޓީގެ ބޯޑަރު ސަރަހައްދުގައި އެކަނި އެމެރިކާގެ ހަތިޔާރު ބޭނުން ކުރުމަށެވެ.

Ad
rt

"ވޭތުވެދިޔަ ހަފުތާތަކުގެ ތެރޭގައި ޔޫކްރެއިން އަޅުގަނޑުމެންނާ ހަމައަށް އައިސް، މި ހަމަލާއިން ދިފާއުވުމަށް އަޅުގަނޑުމެން ފޯރުކޮށްދޭ ހަތިޔާރު ބޭނުންކުރުމުގެ ހުއްދައަށް އެދުނީ، އޭގެ ތެރޭގައި ރަޝިއާގެ ބޯޑަރު ސަރަހައްދުގައި ޖަމާވަމުންދާ ރަޝިޔާ ސިފައިންނާ ދެކޮޅަށް، އަދި ތިޔަބޭފުޅުންނަށް އަޑުއިވިފައިވާ ފަދައިން، އަޅުގަނޑުމެންގެ ހަތިޔާރު އެކަމަށް ބޭނުންކުރުމަށް ރައީސް ބައިޑެން ވަނީ ރުހުން ދެއްވާފައި،" ޕްރާގްގައި ބޭއްވި ނޭޓޯގެ ޚާރިޖީ ވަޒީރުންގެ ނުރަސްމީ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޔޫކްރެއިންއަށް އެމެރިކާއިން ދޭ އެހީތެރިކަން ހަނގުރާމައިގެ މައިދާނުގެ ހާލަތާއި ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަރުތީބުވާ ކަމަށެވެ.

ބްލިންކެއް އިތުރަށް ވިދާޅުވީ އިތުރު ޕެޓްރިއޮޓް ވައިގެ ދިފާއީ ނިޒާމުތަކަށް ނެދަލޭންޑްސް އާއި ޖަރުމަނުން ދާދި ފަހުން ވެފައިވާ ވައުދުތަކާއި، ޔޫކްރެއިންގެ އަސްކަރިއްޔާގެ ޒަރޫރީ ބޭނުންތަކަށް އާޓިލަރީ ޝެލް ކޯލިޝަނެއް އުފެއްދުމަށް ޗެކް ރިޕަބްލިކުން ކުރަމުންދާ މަސައްކަތްތަކުން ދައްކާ ފަދައިން ޔޫކްރޭނަށް ބޭނުންވާ ކަންކަން ފޯރުކޮށްދިނުމަށް ނޭޓޯގެ ބައިވެރިން ކުރަމުންދާ މަސައްކަތަށް ބާރު އަޅަމުން އަންނަ ކަމަށެވެ.

ބްލިންކެން ވިދާޅުވީ ރަޝިޔާއިން ދަނީ ނޭޓޯގެ ގިނަ ގައުމުތަކުގައި ވަރުގަދަ ހައިބްރިޑް ހަނގުރާމައިގެ ކެމްޕޭނެއް ހިންގަމުން ކަމަށާއި، އެ ގައުމުތަކުން ތިބީ ކިހިނެއްކަން އެނގޭ ކަމަށެވެ. އަދި ފަރުދީ ގޮތުންނާއި ޖަމާޢަތުން ވެސް ބޭނުންވާ މިންވަރަށް އިޖާބަދޭނެކަމަށެވެ.

އެމެރިކާ އިން މިހާތަނަށް ވަނީ އެ ގައުމުން ޔޫކްރެއިނަށް ފޯރުކޮށްދޭ ހަތިޔާރު ބޭނުން ކޮށްގެން ރަޝިއާއަށް ހަމަލާ ދިނުމާ ދެކޮޅު ހަދާފައެވެ.

އެމެރިކާގެ ރައީސްގެ މި ނިންމެވުމުގެ އެއް ދުވަސް ކުރިން ރަޝިއާގެ ރައީސް ޕުޓިން ވަނީ ހުޅަނގުގެ ހަތިޔާރު ބޭނުން ކޮށްގެން ރަޝިއާ އަށް ހަމަލާ އެއް ދީފިނަމަ މުޅި ދުނިޔެއަށް ފެތުރިގެންދާ ހަމަ ނުޖެހުމަކަށް މިކަން ވެގެން ދާނެ ކަމަށް ވިދާޅުވެފައެވެ.

ރަޝިއާ އިން ޔޫކްރެއިނަށް ދެމުންދާ މިސައިލް ހަމަލާތަކާ ދެކޮޅަށް ރަޝިއާ އަށް ހަމަލާ ދިނުމަށް އެމެރިކާ އިން ފޯރުކޮށްދޭ ހަތިޔާރު ޔޫކްރެއިނަށް ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ނޭޓޯގެ އެހެން މެމްބަރުންވެސް އެމެރިކާ އަށް ގެންދަނީ ބާރު އަޅަމުންނެވެ.