ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި ދެ އޮޕަރޭޝަނެއްގައި ބަނގުރަލާއި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ފިރިހެނަކާއި، 29 އަހަރުގެ ފިރިހެނަކާއި، 33 އަހަރުގެ ފިރިހެނެއްގެ އިތުރުން 34 އަހަރުގެ ފިރިހެނެކެވެ. މި ހަ ހަތަރު މީހުންނަކީވެސް ދިވެހިންނެވެ.

Ad
rt

ފުލުހުން ބުނީ މި މީހުންގެ ތެރެއިން 18 އަހަރުގެ މީހާ އާއި، 29 އަހަރުގެ މީހާ އަދި 33 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ށ. ޅައިމަގުގެ ފަސް ގެއެއް ބަލައި ފާސްކުރުމަށްފަހު މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.

ފުލުހުން ބުނީ 33 އަހަރުގެ މީހާ ދިރިއުޅޭ ގޭގެ ކޮޓަރި ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 171 ސެލޯފިިންކޮޅާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 30 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

މީގެއިތުރުން 34 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ އައު އަހަރާ ދިމާކޮށް ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މިދިޔަ މަހުގެ 31 ވަނަ ދުވަހުގެރޭ 10:45 ހާއިރު ފުނަދޫ ދެކުނުފަރާތު އަތިރިމަތިން ބަނގުރަލާއެކު އެވެ.

އޭނާ ހައްޔަރުކޮށް އޭނާގެ ހަށިގަނޑާއި އެ ސަރަހައްދު ބަލައި ފާސްކުރިއިރު، އޭނާ ހުރި ސަރަހައްދުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ފަސް ލީޓަރުގެ ފެން ހުސްކުރި ފުޅިއަކާއި، 500 އެމްއެލްގެ ފެން ހުސްކުރި ތިން ފުޅީގެ އިތުރުން ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި ބިއްލޫރި ފުޅިއެއް ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ށ. ފީވަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފައިވެ އެވެ. އެގޮތުން 18 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 29 އަހަރުގެ މީހާއަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. އަދި 33 އަހަރުގެ މީހާއާއި 34 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.