ށ.އަތޮޅުގައި އިޖުތިމާއީ ހަރަކާތް ހިންގަން އެ އަތޮޅު ކައުންސިލުން، ޖަމިއްޔާތަކަށް ދޫކުރާ ފަންޑް 100000 (އެއްލައްކަ) ރުފިޔާއަށް ބޮޑުކޮށްފިއެވެ.
ށ.އަތޮޅު ކައުންސިލުން ވަނީ ފާއިތުވި ދެ އަހަރުވެސް އެ އަތޮޅުގައި އިޖުތިމާއީ ހަރަކާތް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ކްލަބް ޖަމިއްޔާތަކަށް ހުޅުވާލާފައެވެ. އެ ފުރުސަތުގެ ދަށުން ފާއިތުވި ދެ އަހަރުގެ ތެރެއިން ކޮންމެ އަހަރަކު ތިން ޖަމިއްޔާއަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ދެ އަހަރު ކޮންމެ ޖަމިއްޔާއަކަށް ވެސް އަތޮޅު ކައުންސިލުން ދޫކޮށްފައި ވަނީ 75000 (ހަތްދިހަ ފަސްހާސް) ރުފިޔާގެ ގްރާންޓެކެވެ.
ކްލަބް ޖަމިއްޔާތަކުގެ އެދުމުގެ މަތިން އަތޮޅު ކައުންސިލުން ވަނީ މި އަހަރު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ތިން ޖަމިއްޔާގެ ތެރެއިން ކޮންމެ ޖަމިއްޔާއަކަށް 100000 (އެއްލައްކަ) ރުފިޔާގެ ގްރާންޓެއް ދިނުމަށް ނިންމާފައެވެ. މި އަހަރު ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
އަތޮޅު ކައުންސިލުން އިސްނަގައިގެން މި ކަންކަމާއި މަޝްވަރާ ކުރުމަށް އެ އަތޮޅުގެ ޖަމިއްޔާތަކާއިއެކު ވަނީ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާ ކުރައްވަމުން އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިޔާމް ވިދާޅުވީ މި ބައްދަލުވުމުގައި އެ ކައުންސިލުން ޖަމިއްޔާތަކާއި ގުޅިގެން ހިންގާ ޕްރޮގްރާމްތައް އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
މީގެއިތުރުން އަތޮޅު ކައުންސިލް މެދުވެރިކޮށް ޖަމިއްޔާތަކަށް ހުރި ފުރުސަތުތަކާއި އަދި ރަށްރަށުގެ އިޖުތިމާއީ ފޭރާން ހެޔޮކޮށް އިޖުތިމާއީ ރޫހު ދިރުވައި އާލާކުރުމަށް އަތޮޅު ކައުންސިލާއި ޖަމިއްޔާތައް ގުޅިގެން ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާއ މެދު އެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ.
ސިޔާމް އިތުރަށް ވިދާޅުވީ ފާއިތުވި ދެ އަހަރުގެ ނަތީޖާއަށް ބަލާއިރު އަތޮޅު ކައުންސިލުން ދޫކުރި ގްރާންޓް މެދުވެރިކޮށް ޖަމިއްޔާތަކުން ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
މި ގްރާންޓްގެ ތެރެއިން ފާއިތުވި ދެ އަހަރު ހިންގާފައިވާ ބައެއް ޕްރޮގްރާމްތަކުގެ ތެރޭގައި ފޯކައިދޫގައި ވަނީ ބެލެނިވެރިންގެ ހިޔާއެއް ތަރައްގީ ކޮށްފައެވެ. މާއުނގޫދޫގެ ސްކޫލް ގޯތިތެރޭ ކުޅިވަރު ބިމެއް ތަރައްގީ ކުރުމުގެ މަސައްކަތުގެ އިތުތުން ފުނަދޫ ސްކޫލްތެރޭ ވަނީ ރީޑިން ޕާކެއް ތަރައްގީ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!