ވިއްސާރާގައި ކުޅުދުއްފުށި ސިޓީ ގެއެއްގެ ފުރާޅު އެއްލާލައިގެން ސިފައިން އެހީތެރިވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކުޅުދުއްފުށީ ސިޓީ، ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށިީ ފަޔަރ ސްޓޭޝަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

Ad
rt

މިއަދު 11:00 ހާއިރު ވިއްސާރައާއެކު އައި ގަދަ ކޮޅިގަނޑުގައި ވަޔާ އެއްލާލާފައިވަނީ އެ ސިޓީގެ "ޖަވާހިރުމާގޭ" ގެ ފުރާޅެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި އެ ގޭގެ ފުރާޅު މަގުމައްޗަށް އެއްލާލުމުން އެ ފުރާޅު މަގުމަތިން އެއްފަރާތްކުރުމާއި ފުރާޅު ހަރުކުރުމުގައި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑު، ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ކުޅުދުއްފުށި ސިޓީގައި މިފަދަ ހާދިސާއެއް ހިނގާފައިވާއިރު، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގުމޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ވެސް އާންމުގޮތެއްގައި ގަދަ ވަޔާއެކު ވިއްސާރަކޮށް ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ވަނީ މިއަދު ބުނެފައެވެ.

އެހެންކަމުން މެޓު އޮފީހުން ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވެތިބުމަށާއި، އެކަމަށް ފިޔަވަޅު އަޅައިގެން ތިބުމަށް އިލްތިމާސްކޮށްފައެވެ. އަދި ކަނޑުދަތުރުވެރިން މޫސުމަށް ސަމާލުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.