ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސީޝެލްސްގެ ރައީސް ވިވެލް ރަމަކަލަވަންއާ ބައްދަލު ކުރައްވައިފިއެވެ.
މިއީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދެވި ބައްދަލުކުރެއްވުމެކެވެ.
މި ބައްދަލު ކުރެއްވުމާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ ސިޑްސްގެ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުންނާއި، މި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ދެ ރައީސުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ބައްދަލުކުރެއްވުމުގައި، ދެ ރައީސުން ވަނީ ދެ ޤައުމުގެ މަޞްލަޙަތު އޮތް މުހިންމު އެކި މައްސަލަތަކުގެ މައްޗަށް ވާހަކަފުޅުދައްކަވާފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
އޭގެ ތެރޭގައި ޒުވާނުންނާއި ގުޅޭ އެކިއެކި ކަންކަމާއި، ދެޤައުމުގެ ދޭދޭ ފަރުދުންގެ މެދުގައި ގުޅުން ދެމެހެއްޓުމުގެ އިތުރުން، އިންޑިއާ ކަނޑު ސަރަޙައްދުގެ ސަލާމަތާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުން ރައްކައުތެރިވުމާއި، މުރަކަ ފަރުތައް ހިމާޔަތް ކުރުމުގެ މައްޗަށް ދެ ރައީސުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މި ބައްދަލުކުރެއްވުމުގައި ސީޝެލްސްގެ ރައީސް، ދިވެހިރާއްޖެއަށް ހުރިހާ ދާއިރާއެއްގައިވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް މުޢިއްޒަށް އެރުވިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެންޓީގާ އެންޑް ބާބިޔުޑާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ސިޑްސް ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!