ޒަވީ ހެނާންޑޭޒް ބާސެލޯނާއަށް އިރުޝާދު ދިން އެންމެ ފަހު މެޗުގައި ސެވިއްޔާ އަތުން އެ ޓީމް މޮޅުވެއްޖެއެވެ. ރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު ލީގު ފަހު މެޗުގައި ބާސާއިން ވަނީ 2-1 ގެ ނަތީޖާއިން ސެވިއްޔާ ބަލިކޮށްފައެވެ.

ސީޒަންގައި ބާސާގެ ނަތީޖާތައް ދައްވެ ކުރިމަތިވީ ޕްރެޝަރާއިއެކު، މި އަހަރު ޖަނަވަރީ މަހު ސީޒަން ނިމުމުން ބާސާގެ ކޯޗުކަން ދޫކޮށްލާނެ ކަމަށް ޒަވީ އިއުލާން ކުރިއެވެ. ނަމަވެސް ޓީމްގެ އިސް ފަރާތްތަކާއި ތަކުރާކުކޮށް ކުރެވުނު މަސްވަރާތަކަށް ފަހު އިތުރު އެއް ސީޒަންގައި ބާސާގައި މަޑުކުރަން އޭނާ ނިންމީ މިދިޔަ އޭޕްރިލް މަސް ތެރޭއެވެ. ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހު ބާސާއިން މި ވަނީ ސީޒަން ނިމުމުން އެ ޓީމްގެ ކޯޗް ކަމުން ޒަވީ ވަކިކުރަން ނިންމާފައިވާކަން އިއުލާން ކޮށްފައެވެ.

Ad
rt

ބާސާގެ ކޯޗުކަން އަންނަ ސީޒަންގައި ހަވާލުކުރަން އެ ޓީމުން ނިންމާފައި ވަނީ ކުރިން ބަޔާން މިއުނިކަށާއި ޖަރުމަނު ގައުމީ ޓީމަށް ވެސް އިރުޝާދު ދިން ހަންސީ ފްލިކް އެވެ.

ޒަވީ ބާސާގެ ކޯޗުކަމާއި ހަވާލުވީ 2021 ވަނަ އަހަރު، ސީޒަންގެ މެދުތެރެއިންނެވެ. އެ ސީޒަންގައި ރަނގަޅު ކާމިޔާބެއް ނުހޯދުނު ނަމަވެސް ޖެހިގެންއައި ފުލް ސީޒަންގައި ޒަވީގެ އިރުޝާދުގެ ދަށުން ބާސާއިން ވަނީ ސްޕެނިޝް ލީގު ކާމިޔާބު ކޮށްފައެވެ.

ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބާސާއިންނެވެ. މި ލަނޑު 15 ވަނަ މިނެޓުގައި ކެންސެލޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ ލެވަންޑޯސްކީއެވެ. ނަމަވެސް ހާފު ނިމުމުގެ ކުރިން ސެވިއްޔާއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ސެވިއްޔާއަށް ލަނޑު ޖަހައިދިނީ އެން ނެސީރީއެވެ. ބާސާ މެޗުން މޮޅުވި ލަނޑު 59 ވަނަ މިނެޓުގައި ގުންޑަގަން ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ފާމިން ލޮޕޭޒްއެވެ.

މި މޮޅާއިއެކު ބާސާ ލީގު ނިންމާލީ ޗެމްޕިއަން ރެއާލް މެޑްރިޑަށް ވުރެ ދިހަ ޕޮއިންޓް ފަހަތުން ތާވަލުގެ ދެވަނާގައެވެ. ތާވަލުގެ ތިންވަނަ ހޯދާ އަލަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ޖިރޯނާއިން ހޯދިއިރު، ތާވަލުގެ ހަތަރު ވަނާގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ. މުޅި ސީޒަންގައި ވެސް ދައް ނަތީޖާތަކެއް ނެރުނު ސެވިއްޔާ ލީގު ނިންމާލީ 14 ވަނާގައި އޮވެއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޒަވީ ބުނީ ކުރީ ސީޒަންގައި ބާސާއަށް ލަލީގާއާއި ސްޕެނިޝް ސްޕަކަޕް ކާމިޔާބު ކުރެވުނު ނަމަވެސް މި އަހަރު ކާމިޔާބެއް ނުހޯދި ނިންމާލަން ޖެހިފައިވާ ކަމަށާއި، ބާސާގެ ކޯޗުކަމުގައި ކުރެވުނު މަސައްކަތުގެ އަގުވަޒަން އެންމެ ފުރިހަމަ ގޮތުގައި ކުރާކަމުގެ އިހުސާސް އޭނާއަށް ނުކުރެވޭ ކަމަށެވެ.

ޒަވީ އިތުރަށް ބުނީ މި ވަގުތު އޭނާއަށް ތަފާތު ގިނަ އިހުސާސްތައް ކުރެވޭ ކަމަށާއި، ތައްޓެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ކުރެވުނު މަސައްކަތާއި މެދު އޭނާ ދެކެނީ ވަރަށް ޕޮޒިޓިވްކޮށް ކަމަށާއި ޓީމް އޮތީ ކާމިޔާބު ހޯދަން ރަނގަޅު ޓްރެކްގައި ކަމަށެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ބާސާގެ ގޯލް ކީޕަރ މާކް އަންދްރޭ ޓަ ސްޓެގަން ބުނީ ޒަވީ ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރީ ޓީމަށް ކާމިޔާބު ހޯދައިދިނުމަށް ކަމަށާއި، އޭނާގެ ފަރާތުން ޓީމަށް ގިނަ ފައިދާތަކެއް ކުރިކަމަށެވެ. ޒަވީއަކީ ގިނަ އަހަރުތަކެއް ވީ އޭނާގެ އެކުވެރިއެއްކަން ފާހަގަ ކުރަމުން އޭނާ ބުނީ މިއީ އުނދަގޫ ހާލަތެއް ކަމަށެވެ.