ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރ ޓޯނީ ކްރޫސްއަށް އެ ޓީމްގެ ސަޕޯޓަރުންގެ ހިތުގައި އޮތް ލޯބި ދައްކާލައިފިއެވެ.
ޔޫރޯ ފުޓބޯޅަ މުބާރާތަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ކްރޫސް ނިންމާފައިވާއިރު ރޭ ލީގުގެ ފަހު މެޗުގައި ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ވާދަކޮށް 0-0 ގެ ނަތީޖާއިން އެއްވަރުވީ މެޗަކީ، ރެއާލްގެ ބާނަބެއު ސްޓޭޑިއަމްގައި ކްރޫސް ކުޅުނު އޭނާގެ ފަހު މެޗެވެ.
އުމުރުން 34 އަހަރުގެ ކްރޫސް ވަނީ އަންނަ މަހު އޭނާގެ އަމިއްލަ ގައުމު ކަމަށްވާ ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅާ މުބާރާތް 2024 އަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލާނެކަން އިއުލާން ކޮށްފައެވެ.
ރޭ މެޗު ފެށުމުގެ ކުރިން ދެ ޓީމުން ވަނީ ކްރޫސްއަށް ގާޑްއޮފް އޮނާއެއް އަރުވާފައެވެ. ރޭ މެޗުގައި ވެސް ކްރޫސްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގެ 86 ވަނަ މިނެޓުގައި އޭނާ ބަދަލުކުރި އިރު ރެއާލުގެ މުޅި ސްޓޭޑިއަމްގައި ފެންކަޅިވެފައި ތިބި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އޭނާއަށް އޮތް ލޯބި ދައްކާލާފައެވެ. މީގެއިތުރުން ސަޕޯޓަރުންގެ ހިތުގައި އޮތް ލޯބި ހާމަކޮށްދޭ އެތައް ބެނާއެއް ސަޕޯޓަރުން ވަނީ ދައްކާލާފައެވެ.
ގިނަބަޔަކު ލޮލުގައި އަޅައިގަތީ ކްރޫސް ދަނޑުން ފައިބައިގެން ދިޔައިރު ދަނޑު ބޭރުގައި މެޗުބަލަންތިބި އޭނާގެ ތިން ދަރިން ރޮމުންދިޔަ މަންޒަރެވެ.
ރެއާލާއިއެކު މި ސީޒަންގެ ލަލީގާ ވެސް ކާމިޔާބު ކޮށްފައިވާ ކްރޫސްއަށް ކެރިއާ ނިންމާލުމުގެ ކުރިން އަދި ދެ ތައްޓެއް ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ. ރެއާލްގެ ޖޯޒީގައި ކްރޫސް ކުޅޭ ފަހުމެޗަކީ އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގު ފައިނަލުގައި ބްރޫޝިއާ ޑޯޓްމަންޑާއި ދެކޮޅަށް ކުޅޭ މެޗެވެ. އެއަށްފަހު އަމިއްލަ ގައުމުގައި އޮންނަ ޔޫރޯ މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް އޭނާއަށް އެބައޮތެވެ. އެއީ އޭނާގެ އެންމެ ފަހު މުބާރާތެވެ.
އުމުރުން 34 އަހަރުގެ ޓޯނީ ކްރޫސް ވަނީ ރެއާލަށް 464 މެޗު ކުޅެފައެވެ. އޭނާ ރެއާލުގައި ހޭދަކުރި ދިހައަހަރުތެރޭ ވަނީ އެ ޓީމާއިއެކު 22 ތައްޓެއް ކާމިޔާބު ކޮށްފައެވެ. ލަލީގާގެ ޗެމްޕިއަންކަން ހަތަރުފަހަރު ހޯދުމުގެ އިތުރުން އޭނާ ވަނީ ރެއާލާއިއެކު ހަތަރުފަހަރު ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!