އަމިއްލަ ފަރުދަކު ށ. ފީވަކު ކައުންސިލަށް ލާފައިވާ ސިޓީއެއްގެ ޖަވާބުގެ ނުލިބިގެންކަމަށް ބުނެ ފީވަކު ކައުންސިލް ބަންދު ކުރިޔަ ނުދީ އިހްތިޖާޖު ކުރަމުން އެބަދެއެވެ.

މި މައުލޫމާތު ލިބިގެން ‘’ތިލަދުން’’ގެ ފަރާތުން ގުޅާލުމުން ފީވަކު ކައުންސިލްގެ ރައީސް ޢަލީ ރަޝީދު ވިދާޅުވީ ‘’ތިކަމާއި ގުޅިގެން މިވަގުތު ދޭނެ ޖަވާބެއް ނެތް’’ ކަމަށެވެ.

Ad
rt

މި އިހްތިޖާޖުގައި ފަނަރަ ވަރަކަށް މީހުން ބައިވެރިވަމުން އަންނައިރު އެކަމުގައި އިސްކޮށް އުޅޭ ފަރާތުން ‘’ތިލަދުން’’ އަށް ބުނީ އޭނާ ގެވަޅު އިންވަކި ކުރުމުގައި ދިމާވި މައްސަލައަކާއި ގުޅިގެން ކައުންސިލަށް ސިޓީއެއް ލައިގެން އުޅޭތާ ދިހަ ވަރަކަށް ދުވަސް ވެއްޖެ ކަމަށެވެ. އަދި މިފަދަ 20 އަކަށް ސިޓީ ކައުންސިލަށްލައި ޖަވާބު ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި މި މަހުގެ 13 ވަނަ ދުވަހު ފީވަކު ކައުންސިލަށް އޭނާ ލީ އެ ސިޓީގެ ޖަވާބު ހޯދަން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެކިފަހަރު މަތިން ކައުންސިލް އިދާރާ އަށް ވަނީ ގޮސްފައެވެ. ނަމަވެސް އެ ސިޓީގެ ޖަވާބު މިއަދާއި ހަމައަށް ލިބިފައިނުވާކަމަށް އޭނާ ބުންޏެވެ.

އޭނާ ތުހުމަތު ކުރާގޮތުގައި އެ ސިޓީގެ ޖަވާބު ނުދީ ލަސްކުރަނީ ކައުންސިލްގެ ރައީސެވެ. ރައީސް ވިދާޅުވި ގަޑިއަށް މިއަދު ވެސް ކައުންސިލް އިދާރާއަށް ދިޔުމުން އެ ސިޓީގެ ޖަވާބު ތައްޔާރު ކުރުވުމަށްފަހު ވެސް މިއަދު އޮފީސް ބަންދު ކުރިއިރު ވެސް ޖަވާބު ދީފައި ނުވާތީ ކައުންސިލް އިދާރާ ބަންދު ކުރިޔަ ނުދީ ކުރަމުން ދަނީ ސުލްހަވެރި އިހްތިޖާޖެއްކަމަށް އޭނާ ބުންޏެވެ.

އަތޮޅު ކައުންސިލްގެ އެދުމަށް މިވަގުތު ފުލުހުން ވެސް އެތަނުގައި ހަރަކާތްތެރިވަމުން އަންނައިރު، އެ ސިޓީގެ ޖަވާބު މާދަމާ ދެއްވާނެކަމަށް ރައީސް މިހާރު ވިދާޅުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

’’އެލްޖީއޭއިން ވެސް އަތޮޅު ކައުންސިލުން ވެސް އެބަ ބުނޭ ސުލްހަވެރިކަމާއެކު މިކަން ނިންމަން، ކައުންސިލް ރައީސް މިތަނަށް ދުރުވެ އެންމެން ކުރިމަތީ މާދަމާ ޖަވާބު ދެއްވާނެ ކަމަށް އެއްބަސްވުމަށް އަޅުގަނޑު މިއެދެނީ’’ އޭނާ ބުންޏެވެ.

އޭނާ ބުނީ ކައުންސިލް އިދާރާގައި އަދިވެސް އޭނާ އާއި އިތުރު މީހުން ތިބީ ކައުންސިލްގެ ރައީސް އެ ޔަގީންކަން ނުދެއްވައިގެން ކަމަށެވެ. އަދި އެކި ގޮތްގޮތުން ރައީސް ޖަވާބުދާރީ ކުރުވަން ކުރިމަސައްކަތް ނާކާމިޔާބުފައިވާ ކަމަށާއި، ކައުންސިލުން އެ ޖަވާބު ނުލިބޭނަމަ އެލްޖީއޭ ނުވަތަ އަތޮޅު ކައުންސިލުން ވިޔަސް އެކަމަށް ޖަވާބެއް ލިބެންދެން ކައުންސިލް އިދާރާގައި ތިބޭނެކަމަށް އޭނާ ބުނެއެވެ.