ކުރިއަށް އޮތް ތިން ދުވަހު އުތުރުން ފެށިގެން ބޮޑު ބަޔަކަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެތީ ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ވަރަށް ގޯސްވެފައިވާއިރު، މެޓުން މިއަދު ނެރުނު ސަމާލުގެ މެސެޖެއްގައި ބުނީ، ކުރިއަށް އޮތް ތިން ދުވަހު އާންމު ގޮތެއްގައި ރާއްޖޭގެ އުތުރުން ފެށިގެން މެދު ރާއްޖެތެރެ ހިމެނޭ ސަރަހައްދުތަކަށް ވައި ބާރުވެ ކަނޑުތައް ގަދަވެ ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Ad
rt

މިގޮތުން އާންމުގޮތެއްގައި ގަޑިއަކު 25 މޭލާއި 35 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދު ބާރު މިނުގަައި ވައި ޖެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ.

މީގެ އިތުރުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް މެޓުން ބުނެއެވެ.

މެޓު އޮފީހުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައިވާއިރު، އަދި ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތް ވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން މޫސުން ގޯސްވުމުގެ ސަބަބުން މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، (އެންޑީއެމްއޭ)އިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.