ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓް ބަދަލުކޮށް ޒަމާނީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މުޅިން އާ އޭޓީއާރު 600 – 42 މަރުކާގެ މަތިންދާބޯޓެއް ގެނެސްފިއެވެ.

މޯލްޑިވިއަންގެ އައު ބޯޓަށް މަރުހަބާ އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

Ad
rt

މި މަތިންދާބޯޓުގެ ސަބަބުން އެ އެއާލައިންގެ ކެޕޭސިޓީ އިތުރުކުރެވި އަދި ރޫޓުތަކަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ރަނގަޅު ކުރެވި ދިވެހިންނަށާއި ފަތުރުވެރިންނަށް ކަނެކްޓިވިޓީ އިތުރުކުރެވި، ފަސޭހަކަމާއެކު ދަތުރުތައް ހަމަޖެއްސޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ. އަދި، މި ބޯޓަކީ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ވަސީލަތްތަކާއެކު އެންމެ މަތީ ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ އުޅަނދެއްކަމަަށްވެސް އެ ކުންފުނިން ބުންޏެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް އިޔާސް ވިދާޅުވީ ކުންފުނީގެ އިސްތިރާޖީ ރޭވުންތައް ތަރައްޤީކުރުމަށްޓަކައި އައު މަތިންދާބޯޓުފަހަރު މުހިންމުކަމަށެވެ. އަދި އައު މަތިންދާބޯޓާއެކު ފަސިންޖަރުންނަށް ކުރެވޭ ތަޖުރިބާ އާއި އޮޕަރޭޝަން ހަރުދަނާކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“މި ބޯޓޫން ތަފާތު ހިތްހަމަޖެހުމެއް ދަތުރުވެރިންނަށް ލިބިގެންދާނެކަމަށާ އެގޮތުން މި މަތިންދާބޯޓުގެ އެތެރޭގެ ފިނިހޫނުމިން ކޮންޓްރޯލުކުރެވިފައިވާ ރަނގަޅު ނިޒާމަކާއި އަޑުތައް އިވޭ މިންވަރު ދަށްކުރެވުން ހިމެނޭ” އިޔާަސް ވިދާޅުވިއެވެ.

ޒަމާނީ އެވިއޮނިކްސް އާއި ޚާއްޞަ ފިއުލް އިކޮނޮމީއަކީ މޯލްޑިވިއަންގައި ފުޅާވަމުން އަންނަ ނެޓްވޯކްގެ ޕާފޯމަންސް އިތުރަށް ރަނގަޅުކުރެވި ދެމެހެއްޓުމަށްކުރާ މަސައްކަތަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް އިޔާސް ވިދާޅުވިއެވެ. އަދި މި އައު ބޯޓާއެކު ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޚިދުމަތް ރަނގަޅުކުރެވި ކުރާއިތުބާރު އިތުރުވާނެކަމުގެ އުންމީދު ކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޚާއްޞަ މެހެމޭނުންނަށް މަތިންދާބޯޓުގެ އެތެރޭގައިވާ ތަނަވަސް ކެބިން އާއި ޒމާނީ ނެވިގޭޝަން ސިސްޓަމްތަކާއި ތިމާވެއްޓާ ރައްޓެހި ޑިޒައިން ވަނީ ދައްކާލާފައެވެ. މި އައު މަތިންދާބޯޓަކީ އެތެރޭގެ އުދުހުންތަކުގައި ކުރު ދަތުރުތައް ކުރުމަށް ފަރުމާ ކުރެވިފައިވާ ބޯޓަކަށްވެފައި އައު ބޯޓުގެ ސަބަބުން އިތުރުވަމުން އަންނަ ޑިމާންޑަށް ކޭޓަރކުރުމަކީ މޯލްޑިވިއަންގެ އުއްމީދެއްކަން އެ އެއާލައިނުން ފާހަގަކުރެއެވެ.

“މިއީ އޭވިއޭޝަން އިންފްރާސްޓްރަކްޗަރ އިތުރަށް ކުރިއެރުވުމަށް މޯލްޑިވިއަނުން އިސް ނަގައިގެންކުރަމުންގެންދާ މަސައްކަތުގެ ބައެއް، ހަތަރުވަނަ އޭޓީއާރު 42-600 މަތިންދާބޯޓު އިތުރުވުމަކީ ދިވެހިރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ފުޅާކުރުމަށާއި ހުރި ފުރުޞަތުތައް އިތުރުކުރުމަށް ދިވެހި ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް” މޯލްޑިވިއަން އިން ބުންޏެވެ.

މޯލްޑިވިއަންގެ ފްލީޓްގައި މިވަގުތު 25 މަތިންދާބޯޓު އޮޕަރޭޓް ކުރެވެމުންދެއެވެ. މީގެ ތެރޭގައި އެއާބަސް A320 މަތިންދާބޯޓަކާއި އޭޓީއާރު މަރުކާގެ ހަތަރު މަތިންދާބޯޓާއި ޑޭޝް 8ގެ 9 މަތިންދާ ބޯޓާއި ޑޭޝް 6 ގެ ޓްވިންއޮޓަ 11 މަތިންދާބޯޓު ހިމެނެއެވެ.