ބާރަ އަހަރަށް ފަހު ރެއުސް ޑޯޓްމަންޑް ދޫކޮށްލަން ނިންމައިފި

IMG_5560

ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑްގައި ބާރަ އަހަރު ދުވަހުގެ ދިގު ކެރިއާއެއް ހޭދަކުރުމަށް ފަހު، މާކޯ ރެއުސް އެ ޓީމް ދޫކޮށްލަން ނިންމައިފިއެވެ.

އެ ޓީމްގެ ކެޕްޓަންގެ މަގާމް ފުރަމުން އަންނަ ރެއުސް މި ސީޒަންގެ ނިޔަލަށް އޭނާ އެ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނެއެވެ. އުމުރުން 34 ގެ ރެއުސް ވަނީ ޑޯޓްމަންޑަށް 424 މެޗު ކުޅެދީ، 168 ލަނޑު ޖަހައިދީފައެވެ.

ރެއުސް އަކީ ޑޯޓްމަންޑްގެ އެކަޑަމީން ތަމްރީންވި ކުޅުންތެރިއެކެވެ. ނުވަ އަހަރު ދުވަސް ޔޫތުކެރިއާ އެ ޓީމްގައި ހޭދަކުރުމަށް ފަހު އޭނާ 2009 ވަނަ އަހަރުން 2012 ވަނަ އަހަރަށް ކުޅެފައިވަނީ ބްރޫޝިއާ މޮންޗެންގްލެޑްބަކް އަށެވެ. އެއަށްފަހު އޭނާ ޑޯޓްމަންޑާއި ގުޅުނީ 2012 ވަނަ އަހަރު ޖުލައިމަހުއެވެ.

ޑޯޓްމަންޑް ދޫކޮށްލަން ނިންމުމަށް ފަހު މީޑީއާއާއި ވާހަކަ ދައްކަމުން ރެއުސް ބުނީ އޭނާގެ ލައިފްގެ ދެބައިކޮށްފައި އެއްބައި ޑޯޓްމަންޑްގައި މިވަނީ ހޭދަކުރެވިފައި ކަމަށާއި، މި ކްލަބްގައި ހޭދަވީ ކޮންމެ ދުވަހަކީ އުފާވެރި ދުވަހެއްކަމަށެވެ. ސީޒަން ނިމުމުން ކްލަބަށް އަލްވަދާއު ކިއުމަކީ އޭނާއަށް ފަސޭހަކަމެއް ނޫންކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

އޭނާ ވަނީ ޑޯޓްމަންޑާއިއެކު ޖަރުމަނު ކަޕް ދެފަހަރު އަދި ޖަރުމަނު ސްޕަކަޕް ދެފަހަރު ކާމިޔާބު ކޮށްފައެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި 2013 ވަނަ އަހަރު ޑޯޓްމަންޑް ބަލިވީ ވާދަވެރި ބަޔާން މިއުނިކް އަތުންނެވެ. މި ސީޒަންގައި ޑޯޓްމަންޑް އަންނަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ވާދަ ކުރަމުންނެވެ. ފުރަތަމަ ލެގުގެ މެޗު ޑޯޓްމަންޑުން ވަނީ ޕީއެސްޖީގެ މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދައި ފައިނަލުގެ އުންމީދު ބޮޑުކޮށްފައެވެ. ދެވަނަ ލެގުގެ މެޗު މި ހަފްތާ އަންގާރަ ދުވަހުގެ ރޭ ކުޅޭނީ ޕީއެސްޖީގެ ދަނޑުގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *