ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ސްރީލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، ރޭ މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ވަޑައިގެންނެވީ ހުސްވި ޑިސެންބަރުމަހުގެ 31 ވަނަ ދުވަހުގެ ރޭގައެވެ.

މިމަހުގެއް އެއްވަނަ ދުވަހު ރައީސް ސޯލިހު ވަނީ ސްރީލަންކާގައި އެމަނިކުފާނުގެ އާއިލާއާއެކު އުފަންދުވަސް ފާހަގަ ކުރައްވާފަ އެވެ. ރައީސް ސޯލިހުގެ އުފަންދުވަހަކީ މޭ މަހުގެ ތިން ދުވަސް ނަމަވެސް އާއިލާއިން އުފަން ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ އެއްވަނަ ދުވަހު އެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ އާއަހަރުގެ މެސެޖެއް ރައްޔިތުންނަށް ފޮނުއްވާފައެވެ.

"އައު އަހަރެއް ފެށުމުގެ އުފާވެރި ޝުޢޫރުތަކާއެކު، ރާއްޖޭ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ޔަޤީންކޮށްދޭން ބޭނުންވަނީ، ރައްޔިތުން އުފެއްދި މި ސަރުކާރު، މާތް ﷲގެ ވާގިފުޅާއެކު ދެމިއޮންނާނީ، ފުދުންތެރި އަދި ބާއްޖަވެރި ދިރިއުޅުމަކަށް ރައްޔިތުން ކުރާ އުންމީދުތައް، ޙަޤީޤަތަކަށް ހަދައިދިނުމުގައި ކަމެވެ.

މި އަހަރުގެ ތެރޭގައިވެސް، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށް، ރައްޔިތުންނަށް އުފާވެރި އަދި ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށެވެ. ރައްޔިތުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށްދީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް، ހަމަހަމަކަމާއި ޢަދުލުވެރިކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ." އެމެސެޖްގައި އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ރައީސް ސޯލިހް އެންމެ ފަހުން ވަޑައިގެންނެވީ ޔުނައިޓެޑް އަރަބި އެމިރޭޓްސްއަށެވެ. ރަސްމީ ދަތުރެއްގައި ރައީސް ޔޫއޭއީއަށް ވަޑައިގެންނެވީ އަބޫދާބީގެ ވަލީ އަހުދު، ހިޒް ހައިނެސް ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދައުވަތަކަށް، ކުރެއްވި ދަތުރުފުޅެކެވެ.