އެސްއީޒެޑް ގާނޫނޫގެ ދަށުން ހުއްދަ ދިން ފުރަތަމަ މަޝްރޫއަށް ސޯލާ ހަކަތައިގެ މަޝްރޫއު

Hulhumale

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑު) ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް މަޝްރޫއެއް ހިންގަން ހުއްދަދީފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިންވެސްޓްމަންޓް ބޯޑުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެސްއީޒެޑްގެ ފުރަތަމަ އިންވެސްޓްމަންޓްގެ ގޮތުގައި ހުއްދަ ދޫކޮށްފައި ވަނީ މާލެ ސަރަހައްދުގައި 150 މެގަވޮޓްގެ ސޯލާ ޕަވާ ޕްލާންޓެއް ގާއިމުކޮށްފައެވެ. އެ ޕްލާންޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމު ކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

މި ހުއްދަ އިންވެސްޓްމަންޓް ބޯޑުން ދޫކޮށްފައިވަނީ ކެނެޑާގެ އަބްރަކްޒަސް ޕަވާ ކޯޕާއި އެ ކުންފުނީގެ ޓެކްނިކަލް ޕާޓްނަރު ސަންގްރޯ ޕަވާ ސްޕްލައި ކޯ ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކަށެވެ.

އިންވެސްޓްމަންޓް ބޯޑުން ބުނީ، އެ ހުއްދައިގެ ދަށުން އެ މަޝްރޫއު ހިންގުމަށް ބޭނުންވާ ފީސިބިލިޓީ ތަހުލީލުތައް ހެދުމަށްފަހު އެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ ޕްރޮޕޯސަލް ހުށަހަޅައި އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށެވެ.

މިއީ މި ދައުރުގެ ތެރޭގައި ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ހަދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ އަމާޒަށް ވާސިލުވާން އެހީތެރިވެދޭނެ މުހިންމު މަޝްރޫއަކަށް ވާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. ރައީސް މިކަން އިއުލާން ކުރެއްވީ މިދިޔަ ނޮވެމްބަރު މަހު ދުބާއީގައި ބޭއްވި ކޮޕް-28ގައެވެ.

ރައީސް ވަނީ އެ މަނިކުފާނުގެ އަމާޒަށް ވާސިލުވުމަށް 600 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި