ޝާހިދުގެ ބައްޕާފުޅު މޫސާ ޖަމީލް އަވަހާރަވެއްޖެ

ޝާހިދު، ބައްޕާފުޅާއެކު، ފޮޓޯ: ޝާހިދުގެ ފޭސްބުކް
ޝާހިދު، ބައްޕާފުޅާއެކު، ފޮޓޯ: ޝާހިދުގެ ފޭސްބުކް

ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިޚް މޫސާ ޖަމީލް އަވަހާރަވެއްޖެއެވެ.

ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ބައްޕާފުޅު އަވަހާރަވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ޝާހިދު ވިދާޅުވީ އޭނާގެ މުޅި ހަޔާތުގެ އެންމެ ބޮޑު ބާރަކީ އަދި އެންމެ އިހްލާސްތެރި ލަފާފުޅުތަކާއި ފާޑު ކިއުންތެރިއަކީ ވެސް ބައްޕާފުޅު ކަމަށެވެ.

މޫސާ ޖަމީލަށް ފަސް ބޭފުޅުން ލިބިވަޑައިގަތެވެ. އޭގެ ތެރެއިން އެންމެ ދޮށީ ބޭފުޅަކީ މުޙައްމަދު ޝާހިދެވެ. ދެން ތިއްބަވަނީ އަބްދުﷲ ޝާހިދާއި އަހުމަދު ޝާހިދެވެ. ހަނގަށް ލިބިވަޑައިގަތީ ފާތުމަތު ޝާހިދާ އާއި އައިމިނަތު ޝާހިދާއެވެ. ހަގު ދެ ބޭފުޅުން ވަނީ ޅަ އުމުރުގައި އަވަހާރަވެފައެވެ.

ހަގު ދެ ބޭފުޅުން އަވަހާރަވީ ވ. ކެޔޮދޫ އަށް ދަތުރު ގޮސް އުޅެނިކޮށް 1980 ވަނަ އަހަރު ގެނބިގެންނެވެ.

ކީރިތި ގުރުއާން ވެސް ހިތުދަސް ކުރައްވާފައިވާ މޫސާ ޖަލީލަކީ ހާފިޒުން އިމްތިހާން ކުރާ ކޮމިޓީގެ ޗެއާކަން ވަރަށް ގިނަ ދުވަހު ކުރެއްވި ބޭފުޅެކެވެ. އޭނާގެ ހަޔާތުގެ ބޮޑު ބައި ހޭދަ ކުރައްވާފައި ވަނީ މީހުންނަށް އުނގަންނައި ދެއްވުމުގައެވެ.

ޝާހިދު ވިދާޅުވީ އޭނާގެ ހަޔާތުގެ އެންމެ ބޮޑު މަދަދުގާރަކީ އެއީ ކަމަށެވެ.

"އެއީ އަބަދުވެސް އެންމެ ބޮޑު ހިތްވަރު. އެންމެ އިހްލާސްތެރި ނަސޭހަތްދެއްވާ އަދި ތެދުވެރިކަމާއެކު ފާޑުކިޔުއްވި،" ޝާހިދު ވިދާޅުވިއެވެ.

ޝައިހް މޫސާ ޖަމީލުގެ ޖަނާޒާ، އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މޫސާ ޖަމީލްގެ ބައްޕާފުޅަކީ، އައްޝައިޚް ދަރަވަންދޫގޭ އަބްދުﷲ ދީދީ ނުވަތަ ޢަބްދުﷲ ކަމާލުއްދީން، ބަންޑާރަ ނާއިބު މަނިކުފާނެވެ. ދޮންބަންޑާރައިންނަކީ ޝައިހް މޫސާ ޖަމީލު ދީދީގެ ފަސް ވަނަ ކާފާފުޅެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި