މުޅި ރާއްޖެ ހައި ސްޕީޑް ފެރީން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ އާރުޓީއެލް ފެރީގެ ހިދުމަތް ނ. އާއި ރ. އަދި ބ. އަތޮޅުގައި ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ.
އާރުޓީއެލްގެ ހިދުމަތް އިތުރު ތިން އަތޮޅަކަށް ފުޅާކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓެރީ މަރިޔަމް ޝަހާނާއެވެ. އަދި އެމްޓީސީސިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސިއީއޯ އަބްދުﷲ ޒިޔާދުއެވެ.
މިހާރު އާރުޓީއެލް ހިދުމަތް ދެމުން އަންނަނީ ހއ. އާއި ހދ. އަދި ށ. އަތޮޅާއި ގއ. ގދ. އައްޑޫގެ އިތުރުން ޅ. އަތޮޅުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މި ހިދުމަތުގެ ދަށުން އެންމެ އެންމެ ފަހުން ކުރިއަށް ގެންގޮސްފައިވަނީ ދެވަނަ ފޭސްގެ މަސައްކަތް ކަމަށާއި އެ މަސައްކަތުގެ ތެރެއިން މި އުނޅަނދުތައް ބަނުމަށް ހަވާލުކުރެވިފައި ހުރި ފަރާތްތަކާ އެކީގައި ހަދާފައިވާ އެގްރީމަންޓަށް އެންމެ ފަހު ވަގުތު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އާރުޓީއެލް ފެރީގެ ހިދުމަތް ކުރީ ސަރުކާރުން ގެންގޮސްފައިވާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އަމީން ވިދާޅުވީ އެ ހިދުމަތް އަތޮޅު ތެރޭގައި ދެމުންދަނީ ޕްލޭނާ އެއްގޮތަށް ނޫން ކަމަށެވެ. ކުރިން އެއް ޒޯނަކަށް ޅ. އަތޮޅު ހިމަނާފައި އޮތަސް އެ އަތޮޅުގައި ވަކިން އޮތީ ހިދުމަތް ފަށައިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ޒިޔާދު ވިދާޅުވީ، މި ހިދުމަތުގެ ސަބަބުން، އެއްރަށުން އަނެއް ރަށަށް ބޭސް ފަރުވާގެ އިންތިޒާމާއި ވަޒީފާގެ ބޭނުންތަކަށް ކުރިން އުފުލަން ޖެހުނު ބުރަޔާއި ތަކުލީފު ވަނީ އެތައް ގޮތަކުން ފަސޭހަވެފައިވާ ކަމަށެވެ. އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ފުރުސަތުތައް ފަހިވެ އިޖުތިމާއީ ގުޅުންތައް ބަދަހި ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!