ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭގޮތަކަށް މި ސަރުކާރުގެ އެއްވެސް ސިޔާސަތެއް ނުގެންގުޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު މިގޮތަށް ވިދާޅުވީ ރައީސް އޮފީހުން ކޮންމެ ދުވަހަކު ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ މިއަދުގެ ސެގްމަންޓުގައެވެ.
މާލެ ސިޓީ، މއ.ނައިޓްލައިޓް، މުޙައްމަދު އިޙްސާން، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށް އަލަށް ގެނައި ޑްރޯންތައް ދުއްވުމާ އޮޕަރޭޓްކުރުމުގެ ކަންކަމުގައި ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭނެތޯ ރައީސް އަރިހު ވަނީ ސުވާލު ކޮށްފައެވެ.
މި ސުވާލަށް ޖަވާބު ދެއްވަން ފައްޓަވަން ރައީސް ވިދާޅުވީ، ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭގޮތަކަށް މި ސަރުކާރުގެ އެއްވެސް ސިޔާސަތެއް ނުގެންގުޅުއްވާނެ ކަމަށެވެ.
''އިހަށް ދުވަހު ތައާރަފްކުރި ސިފައިންގެ އެއާ ކޯ ސާވިސްގައި ވެސް އަދި އޭގެ ދަށުން ދުއްވަންފެށި ޔޫއޭއީ އިން ހަދިޔާ ކުރި ޑްރޯންތައް ދުއްވުމުގައި ވެސް އަދި އެކަމުގައި އެހީތެރިވުމަކަށް ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިންނެއް ނުތިބޭނެ'' ރައީސް ވިދާޅުވިއެވެ.
އެ އުޅަނދުތައް އޮޕަރޭޓް ކުރަނީ ތުރުކީން ތަމްރީން ފުރިހަމަކުރުމަށްފަހު ދިވެހި ސިފައިން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާގައި އިތުރު ބެޗްތައް ޓްރޭނިން ހަދައިގެން އަންނާނެ ކަމަށާއި، މިހާރު ވެސް ސިފައިން ޓްރެއިންނަށް ގޮސް އެބަތިބިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
''ޑްރޯންތައް އުދުހުމުގައި ފްލީ ހުރީކަމެއް ވެސް ކުރާނީ ދިވެހި ސިފައިން'' ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!