ހިޔާ ފްލެޓްތަކުގެ ލިފްޓްތައް ހަރުކުރުމުގެ މަޝްރޫޢު ނިމޭއިރު ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލެއް ލިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވީ ރައީސް އޮފީހުން ސިލްސިލާކޮށް ކޮންމެ ދުވަހަކު ހެން ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓްގައި ގދ.ގައްދޫ، ކައިރުގޭ، މުޙައްމަދު ލަބީބު، ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ލަބީބު ސުވާލުކޮށްފައި ވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކުރާއިރު ބަލިމީހުން އުފުލާ ބާލަން ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެތޯއެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ހިޔާ ޓަވަރުތަކުގެ ލިފްޓް ހަރުކުރުމުގެ މަސައްކަތް ކުރާއިރު ބަލި މީހުން އުފުލުމަށް ޚާއްސަ ނުވަތަ ސްޓްރެޗަރ އުފުލޭނެ އިންތިޒާމްވެސް ހަމަޖައްސަވާނެކަމަށެވެ.
ރައީސްގެ ޖަވާބު
17 މާރިޗް 2024ގދ.ގައްދޫ، ކައިރުގޭ، މުޙައްމަދު ލަބީބު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތަކެއް ހަރުކުރާއިރު ބަލިމީހުން އުފުލާ ބާލަން ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެތޯ ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/jQ5YV7VTdp
— Government of Maldives (@governmentmv) March 17, 2024
މީގެ އިތުރުން ހިޔާ ފްލެޓްތަކުގެ ލިފްޓްތައް ހަރުކުރުމުގެ މަޝްރޫޢު ނިމޭއިރު ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލެއް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ހުޅުމާލޭ ފޭސް ދެއެއްގައި ހުންނަ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅުގެ ދަށުން އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!