ދިވެހިރާއްޖޭގައި އަންމޭންޑް އޭރިޔަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތް ތަޢާރުފުކޮށްފިއެވެ.
ދިވެހިރާއްޖޭގައި ޔޫއޭވީ ސިފައިންގެ ޚިދުމަތް ތަޢާރުފުކޮށްދެއްވީ، މާފަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ރަސްމިއްޔާތުގައި އެމްއެންޑީއެފުން ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓަން ފެށްޓެވުމުގެ ޤަރާރުގައި ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސް ޑރ. މުޢިއްޒު ވަނީ ސޮއިކުރަށްވާފައެވެ. އަދި އެއަށްފަހު، ޔޫއޭވީއާއި އެއަރ ސަރވެއިލަންސް ކެޕޭސިޓީ ހޯއްދަވައިދެއްވުމުގެ ޝަރަފުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާއަށް ހަތްބަޑީގެ ސަލާމެއް އެރުވިއެވެ
މި ރަސްމިއްޔާތުގައި، އެމްއެންޑީއެފް އެއަރ ކޯރގެ ޚިދުމަތަށް އަލަށް ލޯންޗުކުރި ޔޫއޭވީއެއް އުދުއްސާލާފައިވާއިރު، ޔޫއޭވީ ޓެކްސީކުރާ ތަނާއި، ޓޭކްއޮފް ކުރާ މަންޒަރު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ވަނީ ބައްލަވާލައްވާފައެވެ.
ދިފާޢީ ވުޒާރާއިން، ދިވެހިރާއްޖޭގެ ތާރީޚްގައި މުޅިން އަލަށް ވައިގެ ބާރެއް އުފައްދަވައި، އެ ބާރުގައި ޔޫއޭވީ ބޭނުން ކުރަން ފެށުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލާއި ސިޔާދަތު ޙިމާޔަތްކޮށް ދިފާޢުކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ އަދި އެހާމެ މުހިންމު ފިޔަވަޅެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ދިވެހި އަސްކަރިއްޔާއިން ޔޫއޭވީ ބޭނުންކޮށްގެން އަމިއްލައަށް ސައުވީސްގަޑިއިރު ރާއްޖޭގެ ސަރަޙައްދު މޮނިޓަރކޮށް ބެލެހެއްޓުމުގެ މި އަގުހުރި ޤައުމީ މަސައްކަތް ވެގެންދާނީ ޤައުމީ ސަލާމަތަށް ލިބިގެންދާނެ ވަރަށް ބޮޑު ކަށަވަރުކަމަކަށް ކަމަށާއި، މި ޚިދުމަތުގެ ސަބަބުން، ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ޤާނޫނާއި ޚިލާފު ކުށްތައް އަމަލުތައް ހުއްޓުމަށް ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަން އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފައެވެ.
ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރުގައި ބޭނުންކުރުމަށް ތަޢާރަފު ކުރެވުނު އަންމޭންޑް އޭރިޔަލް ވެހިކަލް (ޔޫއޭވީ) ގެ ޚިދުމަތަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގެން ތުރުކީވިލާތަށް ފުރަތަމަ ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ފެއްޓެވި މަސައްކަތްޕުޅުގެ ދަށުން، އެމްއެންޑީއެފްގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ހޯއްދެވި ވަސީލަތެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!