ބާޒާރުގައި ލުނބޯ އަގުބޮޑުވެފައިވާތީ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން އެސްޓީއޯއިން ލުނބޯ އެތެރެކޮށް، އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ، ލުނބޯ އަގުހެޔޮކޮށް ވިއްކަން ފެށީ ރާއްޖޭގެ ބާޒާރުގައި ލުނބޯ ގަންނަން ލިބޭ އަގު ވަރަށް ބޮޑަށް އުފުލިފައިވާތީ ކަމަށެވެ. އެގޮތުން، އެސްޓީއޯއިން ލުނބޯ ކިލޯއެއް 50 ރުފިޔާއަށް ލިބޭއިރު، 25 ކިލޯގެ ބަސްތާއެއް 1،175 ރުފިޔާއަށް ލިބޭނެއެވެ.
ލުނބޯ ވިއްކާ އަގު ހެޔޮކުރީ ރޯދަ މަހާ ދިމާކޮށް އެ ކުންފުނިން ވިއްކާ ބައެއް ތަކެތި އަގުހެޔޮ ކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން ވިއްކާ ލުނބޯ ލިބޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، އެސްޓީއޯ ހޯލްސޭލް ސެންޓާ އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލެޖުންނެވެ.
އެސްޓީއޯއިން ވަނީ ބުރާސްފަތި ދުވަހު ރޯދައަށް އަމާޒުކޮށް ފިޔާ ވެސް އަގުހެޔޮ ކޮށްފައެވެ. ކުރިން 20 ރުފިޔާ އަށް ފިޔާ ކިލޯއެއް ލިބެން ހުރިއިރު މިހާރު ފިޔާ ކިލޯއެއް ލިބެނީ 17 ރުފިޔާއަށެވެ.
ރޯދަމަހާއި ދިމާކޮށް ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގު މައްޗަށް ދާތީ އެސްޓީއޯއިން އަގު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރެއެވެ. ހާއްްސަކޮށް ފިޔާ، އަލުވި، ބިސް، މިރުސް އަދި ލުނބޮއަކީ ރޯދަމަހާ ދިމާކޮށް އަގު އުފުލޭ ބައެއް ތަކެއްޗެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!