ކުރިއަށް އޮތް ރަމަޟާން މަހަށް ބޭނުންވާ ތަކެތި ގަތުމަށް އެއްދުވަހާއި އުތީމްގެ ވަރަށް ގިނަބަޔަކު ދިއްދޫއަށް ދަތުރުކޮށްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ދޯނި ފެރީގައި އުތީމްގެ 160 މީހަކު ވަނީ ރޯދަމަހަށް ބޭނުންވާ ސާމާނު ގަތުމަށް ދިއްދޫއަށް ދަތުރު ކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ބުނީ އާންމު ދިރިއުޅުމުގައި ބޭނުންވާ ގިނަ ސާމާނު ގަތުމަށް އަބަދުވެސް އުތީމްގެ ގިނަބަޔަކު ދިއްދޫއަށް ގޮސް އުޅޭކަމަށާއި ނަމަވެސް މިދިޔަ ހޮނިހިރު ދުވަހަކީ އާދަޔާ ހިލާފް ގިނައިން މީހުން ދަތުރު ކޮށްފައިވާ ދުވަހެއް ކަމަށާއި މީގެ ކުރިން އެއް ދުވަހަކާއި މިހާގިނަ މީހުން ވިޔަފާރި ދަތުރު ކުރިތަން ނުދެކޭ ކަމަށެވެ.

އުތީމުން ދިއްދޫއަށް ދޯނި ފެރީގައި ދިޔުމަށް ހޭދަވާނީ ދިހަވަރަކަށް މިނެޓެވެ. ދިއްދޫއަކީ ހއ.އަތޮޅު ވެރިކަން ކުރާރަށުގެ އިތުރުން އެ ރަށަކީ އެ އަތޮޅުގައި އެންމެ ގިނަ މުދާ ލިބެން ހުންނަ ރަށެވެ. އަދި އެ އަތޮޅު ހޮސްޕިޓަލް ވެސް ހުންނަނީ ދިއްދޫގައެވެ. ޑޮކްޓަރައް ދެއްކުމަށް ވެސް އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް އުތީމުން ގިނަބަޔަކު ދިއްދޫއަށް ދަތުރުކޮށް އުޅެއެވެ.
އުތީމު މީހުން އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ވިޔަފާރި ދަތުރުތައް ދިއްދޫއަށް ކުރެއެވެ. ވުމާއިއެކު ދިއްދޫގެ އިގްތިސާދުގައި އުތީމަކީ މުހިންމު ބައިވެރިއެކެވެ. އަދި މި ދެ ރަށުގެ މީހުންގެ މެދުގައި ވެސް ވަރަށް ގާތް ގުޅުމެއް އޮވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!