ށ.މިލަންދޫ ސްކޫލުގައި ތަރައްގީކުރި "އަލިމަސް ރީޑިން ޕާކް" ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފަށައިފިއެވެ.

މިލަންދޫ ސްޕޯޓްސް ކްލަބުން ބީއެމްއެލް ކޮމިއުނިޓީ ފަންޑްގެ ދަށުން ތަރައްގީކުރަން ފެށި މި ޕާކްގެ މަސައްކަތް ނިމި މިދިޔަ ބުދަ ދުވަހު ހުޅުވާފައިވާއިރު، މި ޕާކް ފުރިހަމަ ތަނަކަށް ހެދުމަށް މާލީ ގޮތުންނާއި އަމަލީގޮތުން ގިނަ ބަޔަކު ވަނީ ގުޅިގެން މަސައްކަތްތަކެއް ކޮށްފައެވެ.

Ad
rt

މިގޮތުން މި ޕާކް ތަރައްގީ ކުރުމަށް މިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ މާލީގޮތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

ފޮޓޯ: މިލަންދޫ ސްކޫލް

މި ޕާކްގެ އަމަލީ މަސައްކަތުގައި މިލަންދޫ ސްޕޯޓްސް ކްލަބުގެ މެމްބަރުންނާއި އާރުޑީސީގެ މިލަންދޫ ސައިޓްގެ މެމްބަރުންނާއި ފެނަކައިގެ މުވައްޒަފުންނާއި މިލަންދޫ ސްކޫލުގެ މުވައްޒަފުންގެ އިތުރުން ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މި ޕާކާއި ގުޅޭގޮތުން މައުލޫމާތު ދެމުން މިލަންދޫ ސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް އާދިލް ބުނީ އެ ސްކޫލުގައި ހުޅުވިގެންދިޔަ ރީޑިން ޕާކްގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ފައިދާތަކެއް ކުރާނެ ކަމަށާއި، ސްކޫލްގެ އަމާޒަކީ ފިޔަވަހި ތަކަކަށް ބަހާލައިގެން މި ޕާކް ކުރިއަށް އޮތްތަނުގައި އިތުރަށް ތަރައްގީ ކުރުން ކަމަށެވެ.

ފޮޓޯ: މިލަންދޫ ސްކޫލް

މިހާރު އެ ޕާކް ތަރައްގީ ކޮށްފައި ވަނީ ފޮތް ކިޔުމަށް ފަސޭހައިގައި ތިބެވޭނޭހެން ޝެޑްޖަހައި ބެންޗްތަކާއި އެކުގައެވެ. އަދި އެތަނުގެ ހިތްގައިމުކަން އިތުރު ކުރުމަށް ޝެޑްގެ ވަށައިގެން ވަނީ ޕޮންޑެއް ވެސް ތަރައްގީ ކޮށްފައެވެ.

އާދިލް ވަނީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން މި މަސައްކަތުގައި އެހީތެރިވެ ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.