ގއ. ވިލިނގިލީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރުމުގެ ފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ، ރައީސް ޑރ. މުޢިއްޒު، މިއަދު ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ބެލްޖިއަމްގެ އެން.ވީ.ބެސިކްސް އެސް.އޭ ކުންފުންޏާއެވެ.
މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
ބެލްޖިއަމް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެން. ވީ. ބެސިކްސް އެސް. އޭގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ ސަރވް ޑޮލްމަންސެވެ.
މި ފަހުމުނާމާގެ ދަށުން ވިލިނގިލީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ތަރައްޤީ ކުރުމާއެކު ގއ. އަތޮޅުގައި އިންޓެގްރޭޓަޑް ފަތުރުވެރިކަމުގެ ޒޯން ތަރައްޤީކުރުން ހިމެނޭހެން ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ތަރައްޤީކުރެވޭނެކަމަށް ސަރުކާރުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!