ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލާއި އެކްސީޑް މޯލްޑިވްސް ގުޅިގެން ބާއްވާ ހޯރަފުށީ އޮފީސް އެކްސީޑް ނައިން އަ ސައިޑް ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ.

މި މުބާރާތް ރޭ ހޯރަފުށީ ކްލަބް ފުޓްބޯޅަ ސްޓޭޑިއަމްގައި ފަށާފައިވާއިރު، ރޭ މުބާރާތު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހޯރަފުށީ އެއާޕޯޓާއި ޓީމް ފެނަކައެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އެއާޕޯޓުންނެވެ. މި މެޗުގައި ޖެހި ހަމައެކަނި ލަނޑު އެއާޕޯޓް ޓީމަށް ޖަހައިދިނީ އަލީ ރިއްފަތެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެއާޕޯޓް ޓީމްގެ ޖޯޒީ ނަމްބަރު 71، އަހްމަދު ރަޝީދެވެ.

Ad
rt

މި މުބާރާތުގެ ދެވަނަ މެޗު މިރޭ ކުޅޭނެއެވެ. މިރޭ 20:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ހޯރަފުށި އެއާޕޯޓާއި ހޯރަފުށީ ޕޮލިސް ކްލަބެވެ.

މި މުބާރާތަކީ ހޯރަފުށީގައި ހުންނަ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ތިން ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ހޯރަފުށީ އެއާޕޯޓް، ހޯރަފުށީ ފެނަކައިގެ އިތުރުން ހޯރަފުށީ ޕޮލިހެވެ.

މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމަކާއި ކޮންމެ ޓީމަކާއި ބައްދަލު ކުރުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހު 24 ވަނަ ދުވަހުގެ ރެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 (ފަނަރަ ހާސް) ރުފިޔާ، އަދި ރަނަރަޕް ޓީމަށް 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ހޯރަފުށީ ކައުންސިލުން މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ.