ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކާއި ބޮކުމް ބައްދަލުކުރި މެޗުން 3-2 ގެ ނަތީޖާއިން ބަޔާން ބަލިވެއްޖެއެވެ.

ބަޔާން މިވަނީ ފާއިތުވި ނުވަދުވަސް ތެރޭ ކުޅުނު ތިން މެޗުން ވެސް ބަލިވެފައެވެ. މި މަހު ދިހަވަނަ ދުވަހު ލެވަކޫސެން އަތުން ބަޔާން ބަލިވިއިރު ބުދަ ދުވަހުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރަށުން ބޭރުގައި ލާޒިއޯއަތުން ބަޔާން ވަނީ ބަލިވެފައެވެ. ރޭ ބައްޔާއިއެކު ދެވަނާގައި އޮތް ބަޔާންއާއި އެއްވަނާގައި އޮތް ލެވަކޫސެންއާއި ދެމެދު އޮތް ފަރަގު ވަނީ އަށް ޕޮއިންޓަށް އިތުރުވެފައެވެ.

Ad
rt

ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބަޔާނުންނެވެ. މި ލަނޑު 14 ވަނަ މިނެޓުގައި ޖަހައިދިނީ ޖަމާލް މުސިއާލާއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބޮކުމް އިން ވަނީ ނަތީޖާ އަނބުރާލާފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 38 ވަނަ މިނެޓުގައި ޓަކޫމާ އަސާނޯ ޖަހައިދިންއިރު ދެވަނަ ލަނޑު 44 ވަނަ މިނެޓުގައި ޖަހައިދިނީ ޝޮލްޓަބެކްއެވެ.

ބޮކުމް އިން ލީޑް ފުޅާކުރީ 76 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން ކެވިން ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ބޮކުމްއަށް މި ޕެނަލްޓީ ލިބިފައި ވަނީ ބަޔާންގެ އުޕަމެކާނޯ ބަޔާންގެ އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެންނެވެ. އެ ފައުލާއިއެކު އޭނާއަށް ވަނީ ދެވަނަ ރީނދޫކާޑާއިއެކު ރަތްކާޑު ދައްކާފައެވެ. ޗެމްޕިއަންސް ލީގުގައި ލާޒިއޯއާއި ދެކޮޅަށް ކުޅުން މެޗުގައި ވެސް އޭނާއަށް ރަތްކާޑު ދެއްކިއެވެ. އެ ކާޑާއިއެކު ނަސްލީ ތަފާތުކުރުންތަކާއި އޭނާއަށް ކުރިމަތިލާން ޖެހުނެވެ.

މިއީ 2015 ވަނަ އަހަރު ބަޔާން އިން ޖެހިޖެހިގެން ތިން މެޗުން ބަލިވިފަހުން އެ ޓީމް ވިދިވިދިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. ފާއިތުވި 11 ސީޒަންގައި ވެސް ޖަރުމަނު ލީގު ކާމިޔާބުކުރި ބަޔާނަށް މި ސީޒަންގައި ތައްޓެއް ނުލިބި ނިންމާލަން ޖެހުމުގެ ބިރާއި މިހާރު ވަނީ ކުރިމަތިވެފައެވެ. ޖަރުމަނު ސްޕަކަޕް މެޗުން ބަލިވެ އެ ތަށި ގެއްލުނުއިރު، ޖަރުމަނު ކަޕުން ވެސް އެ ޓީމް މިހާރު އޮތީ ކަޓާފައެވެ. ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުން ލާޒިއޯއަތުން ބަލިވިއިރު ލީގުގެ ދެވަނާގައި ބަޔާން އޮތީ ބޮޑު ފަރަގަކާއި އެކުގައެވެ.

ބަޔާންގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭ ޖަހައިދިނީ ކޭން އެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ ޓެލްގެ އެހީތެރިކަމާއި އެކުގައެވެ. މިއީ މި ސީޒަނަށް ބަޔާނާއި ގުޅުނު ކޭން ސީޒަންގައި ޖެހި 25 ވަނަ ލަނޑެވެ. އޭނާ ވެފައި ވަނީ ޖަރުމަނު ލީގުގައި އެއް ސީޒަނެއްގައި އެންމެ އަވަހަށް 25 ލަނޑު ޖެހި ޖެހި ކުޅުންތެރިޔާއަށެވެ. ކޭން މިވަނީ 22 މެޗުން 25 ލަނޑު ޖަހާފައެވެ.