ޕީއެޗްޑީ ފެންވަރަށް އިމާމުން ތަމްރީން ކުރުމުގެ މަސައްކަތް ފައްޓަވަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުންނެވެ.

Ad
rt

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ، މިސްކިތްތައް ބެލެހެއްޓުމާ މަރާމާތަށް ދައުލަތުން ކުރާ ހޭދަ ތިން ގުނަ އިތުރުކޮށްފައިވާކަން ހާމަކުރައްވައި، ސަރުކާރު ހިންގުމާ ޙަވާލުވެ ވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މުޅީން އަލަށް 6 މިސްކިތެއްގެ މަސައްކަތް ޙަވާލުކޮށްފައިވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޕީ.އެޗް.ޑީ ފެންވަރަށް އިމާމުން ތަމްރީނުވުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ރޭވިފައި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ޙައްޖަށް ދެވޭނެ ފޯރުންތެރިކަން ނެތް 1000 ފަޤީރުން މި ދައުރުގައި އިރާދަކުރެއްވިއްޔާ ޙައްޖުވުމުގެ ފުރުޞަތު ސަރުކާރުގެ ޚަރަދުގައި ދެއްވާނެ ކަމަށާއި، މިގޮތުން މި އަހަރުތެރޭގައި 50 ފަޤީރުންނަށް މި ފުރުސަތު ދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޒަކާތަށްދޭ އަހައްމިއްޔަތު އިތުރުކުރަން، ވަކި އޮފީހެއްގެ ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް" ވަނީ ޤާއިމުކޮށްފައިކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަސް ވާނީ، ދިވެހި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހުރިހާ ގޭބިސީތަކަށް، ފުރަތަމަ ފަހަރަށް ރޯދަ ހަދިޔާދޭ ރަމަޟާންމަހަށް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

''އަދި އަހަރުގެ ތެރޭގައި އަންނަ އަޅުކަމުގެ އެންމެ ބަރަކާތްތެރި އެއް ފޯވަހިކަމުގައިވާ ރަމަޟާންމަހުގެ ފަހު ދިހައެއް، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި، އަދި ހެޔޮ ޢަމަލުތަކަށް ދައުލަތުން ބާރުއަޅާ ދުވަސްތަކެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިރާދަކުރެއްވިއްޔާ ވޭތިކުރާނެ. އެއަށްފަހު އަންނަ ފިޠުރު ޢީދާ، އަދި މިނޫން އިސްލާމީ މުނާސަބާތަކާ ޤައުމީ މުނާސަބާތައްވެސް ދީނީ އަދި ޤައުމީ ފުރިހަމަ ރޫޙާ އުފާފާގަތިކަމާ އެއްބައިވަންތަކަމާއެކު ސަރުކާރުން އިސްނަގައިގެން އިރާދަކުރެއްވިއްޔާ ފާހަގަކުރާނަން.'' ރައީސް ވިދާޅުވިއެވެ.