ދިވެހިރާއްޖޭގެ މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތަށް ދައުލަތުން ކުރާ ހޭދަ ތިން ގުނަ އިތުރުކޮށްފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުންނެވެ.

Ad
rt

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ދިވެހި ޤައުމިއްޔަތުގެ ބަހާތަކަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަން ފާހަގަކުރައްވައި، މިގޮތުން، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތައް ނަގަހައްޓައި، ރިވެތި އަޚްލާޤާ ސުލޫކު މުޖްތަމަޢުގައި އަށަގެންނެވުމަށް މުހިންމު މަސައްކަތްތަކެއް ފަށައިގެން ކުރިއަށްދާކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ދިވެހީންގެ އިޖްތިމާޢީ ދިރިއުޅުމުގައި މިސްކިތްތަކުގެ ދައުރު ފުޅާކުރުމަށާއި މެދު ނުކެނޑި މިސްކިތްތަކުގެ ޙާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން، މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލިސް ވަނީ އަލުން އުފައްދާފައެވެ.

''މިސްކިތްތައް ބެލެހެއްޓުމާ މަރާމާތަށް ދައުލަތުން ކުރާ ހޭދަ 3 ގުނަ އިތުރުކޮށްފިން. ސަރުކާރު ހިންގުމާ ޙަވާލުވެ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މުޅީން އަލަށް 6 މިސްކިތެއްގެ މަސައްކަތް ޙަވާލުކޮށްފިން.'' ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި އިސްލާމީ ވަޙްދަތު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިސްލާމީ ޓީވީ ޗެނަލެއް އުފެއްދުމަށް މަސައްކަތް ކުރެވެމުން އަންނަ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.