ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
ދެ ޕާޓީގެ ޕްރައިމަރީ ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން 40 ދާއިރާއެއްގައި އޮންނަ އިރު، ޕްރައިމަރީގައި 149 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އެމްޑީޕީގެ ޕްރައިމަރީގެ ވޯޓު ފޮށިތައް 95 ރަށެއްގައި ވަނީ ބަހައްޓައިފައެވެ. ޕްރައިމަރީއަކާ ނުލައި އެ ޕާޓީގެ ޓިކެޓު 46 މީހުންނަށް ވަނީ ކަށަވަރުވެފައެވެ.
މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމި ނަމަވެސް ހަތް ދާއިރާއަކަށް އެއްވެސް ކެންޑިޑޭޓަކު ވާދަކުރަން ހުށަހަޅާފައެއް ނުވެއެވެ. އެކަމަކު، އެމްޑީޕީން ބުނެފައި ވަނީ އެ ދާއިރާތަކަށް ވެސް މީހުން ހޯދާނެ ކަމަށެވެ.
ޑިމޮކްރެޓްސްގެ ޕްރައިމަރީ ބާއްވަނީ ހުޅުމާލެ ދެކުނު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގައެވެ. މަޖިލިހުގެ އިންތިހާބުގައި 93 ދާއިރާ އަށް ވާދަކުރަން ޑިމޮކްރެޓްސް އިން ނިންމި ނަމަވެސް ކެންޑިޑޭޓުން ކުރިމަތިލީ 41 ދާއިރާއަށެވެ. އޭގެ ތެރެއިން 39 ދާއިރާއަކަށް އެއް ކެންޑިޑޭޓުން ކުރިމަތިލާފައިވާތީ އެ ކެންޑިޑޭޓުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ވަނީ ލިބިފައެވެ.
މަޖިލިހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 17 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!