ދިވެހި ބޮޑު ކަންނެލި މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން ގޮވާލައިފިއެވެ.
ބޭރުގެ އަސްކަރިއްޔާއެއްގެ ސިފައިން ދިވެހި ތިން ކަންނެލި ދޯންޏަކަށް އަރައި، ބަލާފާސްކޮށްފައި ވަނިކޮށް އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ޖަމާއަތުގެ މެންބަރު ތިން ދޯންޏަކަށް 31 ޖެނުއަރީ 2024 ދުވަހު ބޭރުގެ އަސްކަރިއްޔާއަކުން އަރައި، ބިރުދައްކައި، މުވާސަލާތުކުރަން ބޭނުންކުރާ ވަސީލަތްތަކުގެ މައުލޫމާތު ދިނުމަށް މަޖުބޫރުކޮށް ބިރުދައްކާފައިވާ ކަމަށެވެ.
މި ޢަމަލަކީ މަސްވެރިކަމަށް ހުރަސް އެޅުންކަމަށާއި، އެހެންވެ އެ ޢަމަލަކީ ނުރައްކާތެރި، އެ ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ބީކޭއެމްޔޫއިން ބުންޏެވެ.
އެ ޖަމިއްޔާއިން ވަނީ ފަހަކަށް އައިސް ބޭރުގެ ބޯޓުތަކުން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރުން އިތުރުވެފައިވާތީ އެކަމާއި ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
''މިފުރުސަތުގައި ދިވެހި ބޮޑު ކަންނެލި މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިވެހި މަސްކަނޑުތައް އިތުރަށް މޮނިޓާކޮށް ބަލަހައްޓައިދިނުމަށް ސަރުކާރަށް ގޮވާލަމެވެ.'' ބީކޭއެމްޔޫ އިން ބުނެފަވެއެވެ.
މި ބަޔާނުގައި ވަނީ ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަމަށް ރައީސް ވެވަޑައިގެންނެވި ވައުދު ފުއްދުން އަވަސް ކުރުމަށާއި، ބިން ހިއްކުމަށް ވެލި ނަގާތީ އެން ހޯދުމަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި، ކިރާ ކަންނެއްޔަށް ދުވަހުން ދުވަހަށް ފައިސާ ނުލިބޭ މައްސަލަ ފާހަގަކޮށް، ސަރުކާރުގެ މަސްކުންފުނި، މިފްކޯ އިން ކަންނެލި ގަތުމަށް ގޮވާލާފައެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) ގެ ނަމުގައި މަސްވެރިންގެ ހައްޤުގައި ވަކާލާތުކޮށް އަޑު އުފުލުމަށް މިޖަމިއްޔާ ރަޖިސްޓްރީކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. މި ޖަމިއްޔާއިން އަންނަނީ ކަންނެލި މަސްވެރިންނާއި ގުޅިގެން ތަފާތު ހަރަކާތްތައް ހިންގައި، ކަންނެލި މަސްވެރިންގެ ހައްގުގައި އަޑު އުފުލައި މިނޫންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!