ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ "ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445" ގެ ގޯލްޑް ސްޕޮންސަރަކަށް "އައިމޯ އެންޓަޕްރައިސް ޕްރައިވެޓް ލިމިޓެޑް" ހަމަޖައްސައި، އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގައި އައިމޯ އެންޓަޕްރައިސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކޮށްފައި ވަނީ އެ ކުންފުނީގެ ސީއީއޯ މޫސާ ރަޝީދެވެ. މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ސޮއި ކޮށްފައި ވަނީ އެ ކްލަބްގެ ސެކްރެޓަރީ ޖެނެރަލް އަލީ މިފްރާޒްއެވެ.
އައިމޯ އެންޓަޕްރައިސް ޕްރައިވެޓް ލިމިޓެޑަކީ ރާއްޖޭގައި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ހާޑްވެއާ ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެކެވެ. މި ކުންފުނީގެ ފިހާރައެއް މިވަގުތު މާލެއާއި ހުޅުމާލޭގައި ވެސް ހުރެއެވެ.
އަންނަ ރަމަޟާން މަހު ބާއްވާ މި މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދާނީ ތިން ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގެ ކިޔެވުން އޮންނާނީ މި އަހަރުގެ މާޗް މަހުގެ 15 އަދި 16 ގައެވެ. ދެވަނަ ބުރުގެ ކިޔެވުން އޮންނާނީ މާޗް މަހުގެ 21 އަދި 22 ގައެވެ. މުބާރާތުގެ ފައިނަލް ކުރިއަށް ގެންދަން ރާވާފައި ވަނީ ދެ ދުވަހަކަށް ބަހާލައިގެންނެވެ. ފައިނަލްގެ ފުރަތަމަ ކިޔެވުން މާޗް 28 ގައި ބާއްވާއިރު ގްރޭން ފިނާލޭ އޮންނާނީ ޖެހިގެން އަންނަ ރެއެވެ.
މި މުބާރާތަށް އަތޮޅު ތެރެއިން ދިއްދޫއަށް އަންނަ ބައިވެރިންގެ ދަތުރު ހަރަދާއި ހުރުމާއި ކެއުން ހިމެނޭހެން އެންމެހާ އިންތިޒާމްތައް މުބާރާތް ހިންގާ ފަރާތުން ހަމަޖައްސައިދޭނެއެވެ.
މި މުބާރާތުގެ އެއްވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ވަނީ ތިން އުމްރާ ދަތުރު ދިނުމަށް ނިންމާފައެވެ. އަދި މީގެ އިތުރުން ވެސް ގިނަ ވަނަތަކެއް ހޮވައި އަގުހުރި އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުން އެވެ. ތިލަދުން އިން މުބާރާތުގެ ބައިވެރިންގެ ޕްރޮފައިލް ގެނެސްދިނުމުގެ އިތުރުން، މުބާރާތާއި ގުޅުންހުރި ހުރިހާ ހަބަރެއް ވަރަށް ތަފްސީލްކޮށް ގެނެސްދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!