ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދު)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.

މި ޕްރައިމަރީގައި ވޯޓުލާން ފަށާފައި ވަނީ ހެނދުނު 10:00 ގައެވެ. އަދި ވޯޓުލުން ހަވީރު 5:00 ގެ ނިޔަލަށް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

Ad
rt

މި ޕްރައިމަރީގައި އެ އިއްތިހާދުގެ ދެ ޕާޓީއަށް ނިސްބަތްވާ ޖުމްލަ 71،597 މެންބަރަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، މި ޕްރައިމަރީ 73 ދާއިރާއެއްގައި ކުރިއަށް އެބަދެއެވެ.

މިއަދުގެ ޕްރައިމަރީގައި ވޯޓު ނަގާ ދާއިރާތަކުގައި 227 ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އަދި މި ޕްރައިމަރީގައި ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ 283 ކެންޑިޑޭޓުން ވާދަކުރެއެވެ.

މިއަދުގެ ވޯޓުލުމުގެ ތެރޭގައި މާލޭގެ ބައެއް ވޯޓުފޮށިތައް ކައިރީ ހަލަބޮލިވުން އުފެދުނުއިރު، ލިސްޓްގައި ނަން ނެތް މައްސަލައިގެ ޝަކުވާ އަންނަނީ އުފުލަމުންނެވެ.

ޕްރައިމަރީގައި ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުން މި ޕްރައިމަރީއަށް ހުޅުވާލުމުން 296 މެންބަރަކު ޓިކެޓަށް އެދި ޝައުޤުވެރިކަން ފާޅުކުރިއިރު، އިތުރު މެންބަރެއް ކުރިމަތި ނުލާ 13 ދާއިރާއެއްގެ ޓިކެޓް، އެ ދާއިރާތަކަށް ކުރިމަތިލި މެންބަރުންނަށް ވަނީ ކަށަވަރުވެއެވެ.