އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ބާރެއްކަމަށްވާ ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް މި ސީޒަނަށް ފަހު އެ ޓީމްގެ ކޯޗުކަމުން ވަކިވާން ނިންމައިފިއެވެ.

އުމުރުން 56 އަހަރުގެ ކްލޮޕް ލިވަޕޫލްގެ ކޯޗުކަމާއި ހަވާލުވެފައި ވަނީ 2015 ވަނަ އަހަރު، ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑުގެ ކޯޗުގެ މަގާމް ދޫކޮށްލުމަށް ފަހުއެވެ. މިހާރު އޭނާ ލިވަޕޫލާއިއެކު ހަދާފައިވާ އެއްބަސްވުނަ ހަމަވާނީ 2026 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށެވެ.

Ad
rt

ކްލޮޕް ބުނީ މި ނިންމުން މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ނިންމައި އެ ކްލަބަށް އަންގާފައިވާނެ ކަމަށާއި، މި ނިންމުމުގެ ސަބަބުން އެތައް ބަޔަކަށް ހައިރާންކަން ލިބިގެންދާނެކަން އޭނާ ވެސް ގަބޫލްކުރާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ މި ކްލަބް ދެކެ ވަރަށް ލޯބިވާ ކަމަށާއި، އެ ސިޓީ ދެކެވެސް ވަރަށް ލޯބިވާކަމަށާއި، އަދި ކްލަބްގެ ސަޕޯޓަރުންނާއި ސްޓާފުން ދެކެވެސް ވަރަށް ލޯބޮވާކަމަށެވެ.

އޭނާ އިތުރަށް ބުނީ މި މަސައްކަތުގައި މިހާރު ވަރަށް ބޮޑަށް ހަކަތަ ހުސްވެއްޖެކަމަށާއި، އޭނާ ގަބޫލްކުރާ ގޮތުގައި މިއީ ކޮންމެވެސް ދުވަހަކުން ކުރިމަތިލާން ޖެހޭނެ ހަގީގަތެއް ކަމަށެވެ. އަދި މި ޒިންމާތައް އަބަދު އެއް ލެވެލްއެއްގައި ނުނެގޭނެކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ލިވަޕޫލްގައި ހޭދަކުރި އަށް އަހަރަށް ވުރެ ދިގު މުއްދަތުގައި ކްލޮޕް ވަނީ އެ ކްލަބާއިއެކު ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން އޭނާގެ ކޯޗުކަމުގައި ލިވަޕޫލުން 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް 30 އަހަރަށް ފަހު އިނގިރޭސި ޕްރިމިއާ ލީގު 2020 ވަނަ އަހަރު ކާމިޔާބުކުރިއެވެ.

މީގެ އިތުރުން އޭނާ ވަނީ ލިވަޕޫލާއިއެކު އިނގިރޭސި އެފްއޭ ކަޕާއި އިނގިރޭސި ލީގު ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް އަދި ޔޫއެފާ ސުޕަ ކަޕް ކާމިޔާބު ކޮށްފައެވެ. އޭނާ ވެފައި ވަނީ މި ހުރިހާ ތައްޓެއް ލިވަޕޫލަށް ކާމިޔާބުކޮށްދިން ހަމައެކަނި ކޯޗަށެވެ.