ހދ. ހަނިމާދޫގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ދަނޑުބިންތަކުގައި ކުނި ނޭންދުމަށް އެ ރަށު ކައުންސިލުން އަންގައިފިއެވެ.

ކައުންސިލުން ބުނީ މިހާރު ދޫކުރެވިފައިވާ ދަނޑުބިންތައް ލިބިފައިވާ ފަރާތްތަކުން ދަނޑުބިންތަކުގައި ވަރަށް ގިނަ އަދަދަކަށް ކުނިއަންދަމުން ދާތީ އަރާ ދުމުގެ ސަބަބުން އެ ރަށު ސިއްހީ މަރުކަޒުގައި އެޑްމިޓް ކޮށްފައިތިބޭ ހާލުބޮޑު ބަލިމީހުންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށެވެ.

Ad
rt

މީގެ އިތުރުން މުޅި އެ ސަރަހައްދަށް ދުން ފެތުރުމުގެ ސަބަބުން އާންމުކޮށް ހުރިހާ ފަރާތްތަކަށް އެކަމުގެ އުނދަގޫ ތަހަންމަލް ކުރަންޖެހިފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނިގޮތުގައި އެ ރަށުގެ އެކި ސަރަހައްދުތަކާއި ގޯތިގެދޮރާއި އާންމު ތަންތަނުގައި ކުނި އެންދުމަކީ މަނާކަމެއް ކަމަށެވެ. އެހެންކަމުން އާންމު ތަންތަނާއި ދަނޑުބިންތަކުގައި އަލިފާން ރޯނުކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ހަނިމާދޫއިން ދޫކޮށްފައިވާ ދަނޑުބިންތައް އޮންނަނީ ރަށުގެ އިރުމަތީ ފަރާތުގައެވެ. އިރުވައި މޫސުމުގައި އިރުދަށުން ވައިޖެހޭއިރު ދަނޑުބިންތަކުގައި ރޯކުރާ އަލިފާނުގެ ދުން ވަޔާއިއެކު ސީދާ ރަށުތެރެއަށް ޖަމާވާތީ އާންމުންނަށް ދަނީ ބޮޑެތި އުނދަގޫތައް ކުރިމަތިވަމުންނެވެ.

އެ ރަށު ސިއްހީ މަރުކަޒު ހުންނަނީ ދަނޑުބިންތަކާއި ދާދި ކައިރީގައިކަމަށް ވުމުން އެތަނުގައިތިބޭ ބަލި މީހުންނަށް ބޮޑެތި އުނދަގޫތައް ކުރިމަތިވާތީ އެތަނުގެ މުވައްޒަފުން ވެސް ވަނީ ދާދި ފަހުން ވެސް ސޯސަލް މީޑިއާގައި ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.