ދޮށީ އުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމެވި ކަންތައްތަކާއިގުޅޭގޮތުން މިއަދު ހަވީރު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް އެވެ.

Ad
rt

ނާޒިމް ވިދާޅުވިގޮތުގައި، މިކަމާއިގުޅޭގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު ވަނީ ވަޒީރުންގެ މަޖިލީހަށް ކަރުދާހެއް ހުށަހަޅައި އެކަރުދާހާމެދު ގޮތް ނިންމާފައެވެ.

މިގޮތުން މި ވަޒީރުންގެ މެދުގައި ކަރުދާހަށް މަޝްވަރާކުރެއްވުމަށްފަހު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ދޮށީ އުމުރުގެ މީހުންގެ ޤައުމީ ދަފުތަރު އެކުލަވައިލުމަށް ޤައުމީ ފެންވަރުގައި ސާވޭއެއް ކުރިއަށްގެންދިއުމަށް ނިންމެވިކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެ ސާވޭ ކުރިއަށް ގެންދަން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އެއްބަސްވުމެއް އެކުލަވާލަން ނިންމެވި ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މި ސާވޭ ޕްލޭންކުރުމުގައި ކަމާގުޅުންހުރި އިދާރާތައް ޝާމިލުވާ ޓެކްނިކަލް ޓީމެއް އެކުލަވައިލުމަށް ވެސް މިއަދު ނިންމާފައިވާއިރު، އާބާދީ 1000 އަށްވުރެ މަދު ރަށްތަކުގައި ސާވޭ ކުރިއަށްގެންދާނީ ރަށު ކައުންސިލުންކަމުގައި ވަނީ ކަނޑައަޅާފައިކަމަށް ނާޒިމް ވިދާޅުވިއެވެ.

އާބާދީ 1000 އަށްވުރެ މަތިނަމަ، ވޮލަންޓިއަރުންގެ އެހީތެރިކަމާއެކު ސާވޭ ކުރިއަށްގެންދާނެ އުސޫލެއް ކަނޑައެޅުމަށާއި ސާވޭއިން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި، ދައުލަތުގެ ނިޒާމުގެ ތެރެއަށް ނުވަދެވި، ހަވާސާވެފައި ތިބި ދޮށީ އުމުރުގެ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ފާހަގަކޮށް، އެމީހުންނަށް ފުރަތަމަ މަރުޙަލާގައި ދޭންޖެހޭ އެހީތެރިކަމަކީ ކޮބައިކަން ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފޯރުކޮށްދިނުމަށް ވެސް ވަޒީރުންގެ މަޖިލީހުގައި ނިންމެވިކަމަށް ނާޒިމް ވިދާޅުވިއެވެ.