"ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު" ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފެއްދެވި މި އިދާރާ ހިންގާނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ދަށުންނެވެ.
މިފަދަ ސަރުކާރުގެ އިދާރާއެއް ގާއިމުކުރީ، "ދިވެހި ޤައުމިއްޔަތު އާލާކުރުމުގެ ޤައުމީ ނިޒާމު" ގެ ތެރެއިން ދިވެހިބަހާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާއި ޤައުމިއްޔަތުގެ ޢިލްމެއް އުފަންކޮށް ދިރުވައި އާލާކުރުމަށާއި، ޤައުމީ ރޫޙު އާލާކޮށް އާންމުކޮށް ދިވެހިންގެ މެދުގައި ޤައުމިއްޔަތުގެ ޢިލްމާއި ވިސްނުން އުފެއްދުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ބުނެއެވެ.
ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަމަކީ ''ނޭޝަނަލް އިންސްޓިޓިއުޓް ފޮރ މޯލްޑިވިއަން ހެރިޓޭޖް ރިސާޗް'' އެވެ.
ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ މަސައްކަތްތަކުގެ ތެރޭގައި ދިވެހިންގެ މެދުގައި ދިވެހިވަންތަކަމާއި ދިވެހިންގެ ޙައްޤުގައި ޚިދުމަތްކުރުމުގެ ވިސްނުމާއި ރޫޙު ދިރުވައި އާލާކުރުމަށް މަސައްކަތްކުރުމާއި ދިވެހިރާއްޖެއާއި ދިވެހި ޤައުމިއްޔަތު (ދިވެހިވަންތަކަން) އާ ގުޅޭގޮތުން އެކިއެކި ބަސްބަހުން ލިޔެ އުފައްދައިފައިވާ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާކުރުމާއި ދިވެހިރާއްޖެއާއި ދިވެހީންނާ ގުޅޭގޮތުން ހުރި އެވޭލާ ބަސްމަގުގެ ތަކެތި މިހާރުގެ ބަސްމަގަށް ގެނައުމާއި އަދި މިނޫންވެސް ގިނަ ކަންތައްތަކެއް ހިމެނެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި، ހިންގުމުގައި ދިވެހި ޤައުމިއްޔަތު އިޔާދަ ކުރުމަށް ބޮޑު އިސްކަމެއް ވަނީ ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!