ކައުންސިލްތަކުގެ އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް ރައްޔިތުންގެ ފައިދާ އާއި މަންފާއަށްޓަކައި ކައުންސިލްތަކަށް ދޫކުރެވޭ ގޮތަށް ސަރުކާރުން މިއަދު ހަމަޖައްސައިފިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ މަސައްކަތްތައް ފިޔަވައި އެހެން ބޭނުންތަކަށް ފަޅު ރަށްތައް ދޫކުރުމާ ބެހޭ ގަވައިދުގައި ބުނެފައިވާ ގޮތުގައި ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ނުހިމެނޭ ފަޅު ރަށްތަކުގެ ތެރެއިން ގަވައިދުގެ ދަށުން ދޫކުރާނެ ފަޅުރަށްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

Ad
rt

ކައުންސިލްތަކަށް ރަށްތައް ދޫކުރާނީ، ޕްރޮޕޯސަލް ހުށައެޅުމުން، ވަޒަންކުރުމަށްފަހުގައެވެ. މިކަމުގައި އިސް ރޯލެއް އަދާކުރާނީ ކައުންސިލްތަކާއ ސިޓީތަކާ ބެހޭ މިނިސްޓްރީންނެވެ. ރަށެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމަކުން ޕްރޮޕޯސަލް ފާސްކުރަންޖެހޭނެއެވެ. އެ ރަށެއްގައި ކުރަން ނިންމާ ބޭނުމަކަށް ކައުންސިލަށް ރަށް ދޫކުރުމާ ގުޅޭގޮތުން، އެ އަތޮޅެއްގެ އަތޮޅު ކައުންސިލުގެ ހުއްދަ ހޯދަންޖެހޭނެއެވެ.

ކައުންސިލްތަކަށް ރަށްތައް ދޫކުރެވޭނީ، ރައްޔިތުންގެ މަންފާއަށް ބޭނުންކުރެވޭ ގޮތަށް، ތިރީގައިވާ ބޭނުންތަކަށެވެ.

  1. ގަސް ހެއްދުން ނުވަތަ ކާބޯތަކެތި ހެއްދުން
  2. ތަކެތި ގުދަންކުރުން
  3. ކުކުޅާއި ގެރިބަކަރި ފަދަ ތަކެތި ގެންގުޅުން
  4. ދޫނި ގެންގުޅުން
  5. މަސްކައްކައި ހިއްކުން
  6. ލޮނުމަހުގެ މަސައްކަތް ކުރުން
  7. ފަރުދީ ފެންވަރުގައި ހުއިފިލަނޑާ ކައްކައި ހިއްކުން
  8. އެކުއަކަލްޗަރގެ މަސައްކަތް ކުރުން
  9. ފާނަކޮށިއެޅުމާއި ފާނައިގެ މަސްވެރިކަން ކުރުން
  10. ދިރޭމަސް ގެންގުޅުން
  11. އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުން
  12. ފައިބަރުގެ މަސައްކަތް ކުރުން
  13. ވަޑާމުގެ މަސައްކަތް ކުރުން
  14. ވާރކްޝޮޕް ހެދުން
  15. އެޅިގަލުގެ މަސައްކަތް ކުރުން
  16. ދަތުރުދިޔުމާއި މޫދުކުޅިވަރުގެ ޚިދުމަތް ދިނުން
  17. ލުއި ބުއިން ނުވަތަ ލުއި ކެއުން ތައްޔާރުކޮށް ވިއްކުން

ކައުންސިލަކުން ފަޅު ރަށެއް ހޯދުމަށް ހުށަހަޅާ ތަފްސީލު ރިޕޯޓުގައި ކުއްޔާބެހޭ ބައި ނުހިމަނާ ހުށަހެޅިދާނެއެވެ. އަދި މިގޮތަށް ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ދޫކުރެވޭ ފަޅުރަށް ކުއްޔަކާ ނުލައި ދޫކުރެވިދާނެއެވެ. ކައުންސިލްތަކުން ރަށެއް ހޯދުމަށް ހުށަހެޅޭނީ، އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށަކަށެވެ. ނަމަވެސް އެ އަތޮޅުގައި ރަށެއް ނެތް ނަމަ، އެހެން އަތޮޅަކަށް ނިސްބަތްވާ ރަށެއް ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. މި ދެ ހާލަތުގައިވެސް، އެ އިދާރީ ދާއިރާގެ އަތޮޅު ކައުންސިލުގެ ހުއްދަ، ލިޔުމުން ހޯދަންޖެހޭނެއެވެ.

ކައުންސިލްތަކުން ތަފްސީލު ރިޕޯޓު ހުށަހަޅާއިރު، އެއް ކައުންސިލަކަށްވުރެ ގިނަ ކައުންސިލަކުން ގުޅިފައިވާ ހުށަހެޅުމެއްގެ ތެރެއިންވެސް ރަށެއް ހޯދޭނެއެވެ. ކައުންސިލްތަކަށް ފަޅުރަށްރަށް ދޫކުރާނީ، 10 އަހަރުދުވަހުގެ މުއްދަތަށެވެ. ކައުންސިލަކަށް ދޫކޮށްފައިވާ ރަށުގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ވަކި މިންގަނޑުތަކެއް ހިފަހައްޓަންޖެހޭނެއެވެ.

ޕްރޮޕޯސަލް ހުށައެޅޭނީ ސަރުކާރުން ކަނޑައަޅައި އިޢުލާނުކޮށްފައިވާ ރަށްތަކަކަށެވެ. އެ ރަށްތަށް ވަރަށް އަވަހަށް ސަރުކާރުން އިއުލާނުކުރާނެއެވެ.