ޕްލޭ ސުކޫލް ހިދުމަތް ފޯރުކޮށްދިނުމަށާއި ޒަމާނީ ތައުލީމް ތަރައްގީ ކުރުމަށް ކުޅުދުއްފުށީ އަމީރު އަމީން ސުކޫލްގެ ބިމާއި އިމާރަތްތައް 25 އަހަރަށް ކުއްޔަށް ހިފުމަށް ބިޑް ހުށަހެޅުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މިކަމަށް އެދި އަންދާސީ ހިސާބް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމް ފުރިހަމަ ކުރުމަށް ފަހު އަންނަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ 10:30 ގެ ކުރިން ހުށަހަޅަން ޖެހެއެވެ.

Ad
rt

މި ބިޑާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން މި މަހުގެ 24 ވަނަ ދުވަހުގެ 10:30 ގައި ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އަންދާސީ ހިސާބް ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގެ 10:30 ގައެވެ.

މި ބިޑްގައި ރަޖިސްޓަރީ ކުރާ ކޮންމެ ފަރާތަކަށް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެވެ. މިކަމަށް އެދި ބިޑް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ނިންމާފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ބާނީއެއްގެ ގޮތުގައި ހިމެނޭ މި ސްކޫލަކީ 4 ޖޫން 1953 ގައި އުފެދުނު ސްކޫލެކެވެ. ނަމަވެސް އެތަން ރަސްމީކޮށް ރަޖިސްޓްރީކުރެވިފައިވަނީ 29 މާރިޗު 1960 ގައެވެ. އެ ސްކޫލްގައި ޒަމާނީ ތައުލީމް ފެށީ 1998 ވަނަ އަހަރުއެވެ.

މި ސްކޫލް ކޯވިޑްގެ ސަބަބުން ކުރިމަތިވި މާލީ ދަތިތަކާއެކު ހުއްޓާލަން އޭރުގެ ކުޅުދުއްފުށީ ކައުންސިލުން ނިންމީ 2020 ވަނަ އަހަރުއެވެ. އޭގެ ފަހުން އެތަނުގައި އަލުން ޕްލޭ ސްކޫލް ފަށަން 2021 ވަނަ އަހަރު ސިޓީ ކައުންސިލުން ނިންމައި، އެތަން އަމިއްލަ ގޮތުން ހިންގަން ބަޔަކު ހޯދަން އެއްފަހަރަށްވުނެ ގިނަ ފަހަރު ޢިއުލާން ވެސް ކުރިއެވެ.