"ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ހދ.އަތޮޅުގެ މެޗުތައް ކުރިއަށްދިޔައިރު ހަނިމާދޫ، މަކުނުދޫ، ނޮޅިވަރަންފަރު، ނައިވާދޫ އަދި ނެއްލައިދޫއިން ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފިއެވެ.
ރޭ ހަނިމާދޫއިން ވަނީ ފަސޭހަކަމާއިއެކު ފިނޭގެ މައްޗަށް ކުރި ހޯދާފައެވެ. މި މެޗު ހަނިމާދޫއިން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ހަނިމާދޫއަށް ލަނޑުތައް ޖަހައިދިނީ އަބޫބަކުރު ސިއްދީގު، ހުޒާމް އަބްދުއްރަހީމް، ނައުފަލް އަބްދުލްރައޫފްގެ އިތުރުން އާލިފް އިބްރާހީމް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ އާލިފްއެވެ.
ވާދަވެރި ފޯރިގަދަ ކުޅުމަކަށް ފަހު ވައިކަރަދޫއާއި މަކުނުދޫ ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކުރީ މަކުނުދޫއިންނެވެ. މި މެޗުގައި މަކުނުދޫގެ ޒިދާން އަހްމަދު ވަނީ ދެ ލަނޑު ޖަހާފައެވެ. ދެން އެ ޓީމަށް ލަނޑު ޖަހައިދިނީ އިބްރާހީމް ސަވީއެވެ. ވައިކަރަދޫގެ ދެ ލަނޑު ވެސް ޖެހީ އިބްރާހީމް އަގީލްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މަކުނުދޫގެ އިބްރާހީމް ސަވީއެވެ.
ނޮޅިވަރަންފަރާއި ކުޅުދުއްފުށި ބައްދަލުކުރި މެޗު 6-1 ގެ ބޮޑު ތަފާތަކުން ކާމިޔާބު ކުރީ ނޮޅިވަރަންފަރުންނެވެ. މި މެޗުގައި ފަރުގެ އިބްރާހީމް ވަހީދު ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު އެ ޓީމްގެ ނާއިޒް ހަސަން ދެ ލަނޑު ޖެހިއިރު ދެން އެ ޓީމަށް ލަނޑު ޖަހައިދިނީ އަލީ ހުސެއިން އެވެ. ކުޅުދުއްފުށީގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަސްވަދު ރަޝީދެވެ.
ހދ.އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ނައިވާދޫއިން ވަނީ 3-2 ގެ ނަތީޖާއިން ނޭކުރެންދޫ ބަލިކޮށްފައެވެ. މި މެޗުގައި ނައިވާދޫގެ އަބްދުﷲ ޝާފިއު ވަނީ ދެ ލަނޑު ޖަހާފައެވެ. ދެން އެ ޓީމަށް ލަނޑު ޖަހައިދިނީ މުހައްމަދު ޝާއިންއެވެ. ނޭކުރެންދޫއަށް ލަނޑު ޖަހައިދިނީ މުހައްމަދު ފަރުހާންގެ އިތުރުން މުހައްމަދު ވިލްފްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ނައިވާދޫގެ އަބްދުﷲ ޝާފިއުއެވެ.
ނެއްލައިދޫއާއި ނޮޅިވަރަމް ބައްދަލުކުރި މެޗުގައި ދެ ޓީމްގެ ފަރާތުން ވަނީ ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗު 2-1 ގެ ތަފާތުން ކާމިޔާބުކުރީ ނެއްލައިދޫއިންނެވެ. ނެއްލައިދޫއަށް ލަނޑު ޖަހައިދިނީ ހުސެއިން ހާފިޒްގެ އިތުރުން މުހައްމަދު ފާރިސް އެވެ. ނޮޅިވަރަމްގެ ހަމައެކަނި ލަނޑު ޖެހީ ޔަމީން މުހައްމަދެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ނެއްލައިދޫގެ ހާފިޒްއެވެ.
މިއަހަރު ހދ.އަތޮޅުން ވަނީ 11 ޓީމަކުން ބައިވެރިވެފައެވެ. އެހެންކަމުން އެ އަތޮޅުގެ އަތޮޅު ބުރު ކުރިއަށް ދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ހަތަރު ގްރޫޕުގެ ތެރެއިން އެންމެ މޮޅު 8 ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ އިރު، އަތޮޅު ޗެމްޕިއަންކަން ޔަގީންކުރާނީ ސެމީ ފައިނަލްގެ ދެމެޗަށްފަހު ފައިނަލް މެޗެއް ކުޅެގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!