ރާއްޖެ އިން ބޭރުގައި ކުރަމުން އަންނަ ހަނގުރާމަތަކުގައި ބައިވެރިވުމަށް ދާން ބޭނުންވާ ދިވެހިން އަދިވެސް އެބަތިބި ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާން ބޭނުންވާ ދިވެހިން އަދިވެސް ރާއްޖޭގައި ތިބި ކަމުގެ މައުލޫމާތު އެކިއެކި ތަހުގީގުތަކާއި އިންޓަލިޖެންސް ރިޕޯޓްތަކުން އެނގިފައިވާ ކަމަށެވެ. އެހެންކަމުން ވިސްނަން ޖެހޭ ކަމަކީ ހަނގުރާމަވެރި ސަރަހައްދުތަކަށް ގޮސްގެން އެމީހުން ޖެހޭނެ ހާލާ މެދުގައި ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

Ad
rt

"ފިރިހެންވެރިން ބައެއް ފަހަރު މިކަހަލަ ކަންކަމުގެ ތެރޭގައި ނިޔާވެ، އޭނާއާ އެކުގައި ގެންދާ އަނބިދަރިން ޖެހޭ ހާލު. އެ ތަނަށް އުފަންވާ ކުޑަކުދިންނަށް ޖެހޭ ހާލު. އެ ތަނަށް ގޮސް އަދި ކިރިޔާ ހިނގާބިނގާވެ އުޅެވެން ފަށާ ކުދިންނަށް ޖެހޭ ހާލު. ތުއްތު މައުސޫމް ކުދިންނަށް އަދި އަންހެންވެރިންނަށް މިފަދަ ހާލު ނުޖެއްސުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް،" އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ހަނގުރާމަތައް ކުރިއަށްދާ ސަރަހައްދުތަކަށް ގޮސްފި ނަމަ، ދިވެހިން ހާލުގައި ޖެހޭނެ ކަން މީގެކުރިން ސާބިތުވެފައިވާ ކަމަށެވެ. އެހެންކަމުން މިފަދަ ހިޔާލެއް ގެންގުޅޭ މައުލޫމާތެއް ގެންގުޅޭ މީހަކު ހުރި ކަމުގެ މައުލޫމާތު އެއްވެސް ދިމާލަކުން ލިބިއްޖެ ނަމަ، ހިއްސާކޮށް ދިނުމަށާއި ދައުލަތަކަށް ކުރެވޭނެ ކަމަކީ އެމީހުންނަށް ވިސްނައިދީ، ތަފާތު އެކިއެކި ޕްރޮގްރާމްތައް ހިންގުން ކަމަށް އިހުސާން ވިދާޅުވިއެވެ.

"އެކަމަކު، ހިތާމައަކީ އަޅުގަނޑުމެން ދައްކާ ވާހަކަތަކާއި ދޭ މައުލޫމާތުތަކަށް ނުބަލައި ކޮންމެވެސް މަގްސަދެއް ހާސިލް ކުރުމަށް ބޭރަށް ފުރައިގެންދާ ތަން. ގޮސް މިފަދަ ހާލުގައި އާއިލާތައް ޖެހުނީމަ ދެން ދައުލަތުގެ މުއައްސަސާއަކަށް ގޮވާފައި މި ބުނަނީ އަނބުރާ ރާއްޖެ އަންނަން ބޭނުމޭ،" އިހުސާން ވިދާޅުވިއެވެ.

ސީރިއާގައި ހިނގަމުން ދިޔަ ހަނގުރާމަ އަށް ދިޔަ ފަސް އާއިލާއެއްގައި ހިމެނޭ ހަ މީހަކާއި 15 ކުޑަކުއްޖަކު ވަނީ މާލެ ގެނެސްފައެވެ. އެ މީހުން ރާއްޖެ ގެނައީ ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރުގައި ހާލުގައި ޖެހިފައިވާ ކަމުގެ ރިޕޯޓް ސަރުކާރަށް ލިބިގެން ކަމަށާއި 2022ގެ ޖޫން މަހުން ފެށިގެން ސަރުކާރުން ދިޔައީ އެ މީހުން އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.