ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުން އަންނަ ކާނި ހޮޓެލްސް އެންޑް ޓުއާސްގެ މުވައްޒަފުންނަށް މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދީފިއެވެ.
ކ. މާފުށީގައި ކާނި ހޮޓެލްސްގެ ފަސް ގެސްޓްހައުސެއް ހިންގަމުން އަންނަ އިރު، އެ ގެސްޓްހައުސްތަކުގައި 194 މުވައްޒަފުން މަސައްކަތް ކުރެއެވެ. އެގޮތުން އެއިން ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 441 ޑޮލަރު ނުވަތަ 6،800ރ. ލިބިފައިވެއެވެ. ރާއްޖޭގައި މިހާތަނަށް އައިއިރު، އެއްވެސް ގެސްޓްހައުސްއަކުން މިހާ ބޮޑު ސާވިސް ޗާޖެއް ނުދެއެވެ. އަދި މިއީ ބައެއް ރިސޯޓުތަކުން ވެސް ދެމުން އަންނަ ސާވިސް ޗާޖަށް ވުރެ ބޮޑު އަދަދެކެވެ.
ކާނި ހޮޓެލްސް އިން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ސާވިސް ޗާޖުގެ ގޮތުގައި 420 ޑޮލަރު (6،476ރ.) ދީފައިވެއެވެ. އެ ފަހަރު ވެސް ހުރިހާ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނެވެ.
އެހެން ބައެއް ގެސްޓްހައުސްތަކާ ހިލާފަށް ކާނި ހޮޓެލްސް އިން އެ ކުންފުނީގެ މުވައްޒަފުންނަށް ކޮންމެ މަހަކު ވެސް ސާވިސް ޗާޖުދޭ އިރު، ސާވިސް ޗާޖް މުވައްޒަފުންނަށް ދެމުން އަންނަނީ ހަމަހަމަކަމާ އެކީގައި އެއްވެސް މުވައްޒަފެއް ތަފާތު ކުރުމެއް ނުގެންގުޅެއެވެ.
ކާނި ހޮޓެލްސް އިން އެންމެ ފުރަތަމަ ގެސްޓްހައުސްއެއް ހުޅުވީ 2008 ވަނަ އަހަރު މާފުށީގައެވެ. ކާނި ހޮޓެލްސްގެ ސީއީއޯ އަދި ނެޝަނަލް ހޮޓެލް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) އަކީ އެންމެ ފުރަތަމަ މާފުށީގައި ގެސްޓްހައުސްގެ ވިޔަފާރި ފެއްޓެވުމުގެ ޝަރަފް ވެސް ހޯއްދަވާފައިވާ ބޭފުޅާއެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ ހުޅުއްވީ "ކާނި ބީޗު" ނަމުގައި ގެސްޓްހައުސްއެކެވެ. އޭގެ ފަހުން، "ކާނި ވިލެޖް"، "ކާނި ވިލެޖް އެންޑް ސްޕާ"، "ކާނި ގްރޭންޑް ސީވިއު" އަދި "ކާނި ޕާމް ބީޗު" ނަމުގައި މާފުށީގައި ގެސްޓްހައުސްތަކެއް ހުޅުއްވައި އޭނާ ގެންދަވަނީ ހިދުމަތް ދެއްވަމުންނެވެ.
މިއާއެކު، މާފުށީގައި އެކަނި ވެސް ކާނި ހޮޓެލްސްގެ 494 އެނދު އެބަހުއްޓެވެ. ކާނިގެ ގެސްޓްހައުސެއް މާލޭގައި ވެސް ހުންނަ އިރު، އެ ތަނަކީ އަބްދުﷲ ގެ އަމިއްލަ ބިމުގައި އަޅުއްވާފައިވާ ގެސްޓްހައުސެކެވެ. އަދި މިހާރު ވެސް ކާނިގެ ދެ ހޮޓަލް ދަނީ އިމާރާތް ކުރަމުންނެވެ. އެއީ މާފުށީގައި އަޅާ 68 ކޮޓަރީގެ ހޮޓަލަކާއި އއ. އުކުޅަހުގައި އަޅާ 148 ކޮޓަރީގެ ސިޓީ ހޮޓަލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!