ރާއްޖެއަށް އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް ރައްޔިތުންނަށް ފެންވަރުރަނގަޅު ބޭސް ފޯރުކޮށްދިނުމަށް ޔޫރަޕުންނާއި އެމެރިކާއިން ބޭސް އެތެރެކުރާގޮތައް ކަންކަން އިންތިޒާމު ކުރައްވާނެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިމަހުގެ 7 އިން 13 އަށް ޗައިނާ އަށް ކުރެއްވި ފުރަންމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިއްޔެ ރާއްޖެވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ، ރާއްޖެއަށް އާދައިގެ ބޭސް އެތެރެކުރުން ނިމުމަކަށް ގެނެސްދެއްވާނެ ކަމަށެވެ. އަދި ބޭސް އުފައްދާ އޮރިޖިނަލް ކުންފުނިން ބޭސް އެތެރެކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.

''އަޅުގަނޑުމެންގެ ބޭސް، އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް، ސީދާ އުފައްދާ ތަނުން، ޔޫރަޕުންނާއި އެމެރިކާއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭސް އެތެރެކުރާގޮތަށް ބަދަލުކުރާނަން. އެ ކަންތައް މިހާރުވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޤައުމަށް ދެން މާލަސްތަކެއްނުވެ އެތެރެކުރާނީ، ޔޫރަޕްގެ ބޭސް އުފައްދާ އަޞްލު އެކިތަންތަނުންނާއި، އެމެރިކާގެ ތަންތަނުން.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެގޮތައް ކަންކަން ތަރުތީބުކުރެވިގެން ދިޔުމުން ވަކި ޤައުމަކުން ގެންނަ، ބޭސް ގެނައުން ވެސް ނިމުމަކަށް އަންނާނެ ކަމަށެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު، ރާއްޖެ އަށް މިހާރު ބޭސް އެތެރެކުރާ މައިގަނޑު ޤައުމަކީ އިންޑިއާ އެވެ. ރައީސްގެ އިއްޔެގެ ވާހަކަފުޅުގައި ވަނީ އިންޑިއާ އަށް ބަރޯސާވުން ކުޑަކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.