އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބޭއްވި ބައި އިލެކްޝަންގައި އެންމެ ގިނަ ގޮނޑި ހޯދި ޕާޓީއަކަށް ވެރިކަން ކުރާ ޕީއެންސީވެއްޖެއެވެ.

އީސީން އިއްޔެ ވަނީ ޖުމްލަ ހަތަރު ބައި އިލެކްޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެންމެ ބޮޑު ޝައުގެއް އަދި ވާދަވެރިކަމެއް އުފެދިގެން އައި ބައި އިލެކްޝަނަކަށްވީ މާލޭގެ މޭޔަރު ކަމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަނެވެ. މި ބައި އިލެކްޝަންގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާ އާއި މާފަންނު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާއަށް ކައުންސިލަރަކު ހޮވަން ވެސް ބައި އިލެކްޝަންތައް ބޭއްވިއެވެ.

Ad
rt

އަދި މ. މުލަކު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއަށް މެމްބަރަކު ހޮވުމަށް ވެސް ބައި އިލެކްޝަނެއް ބޭއްވިއެވެ. މި ބައި އިލެކްޝަންގެ ތެރެއިން ތިން ގޮނޑި ކާމިޔާބު ކުރީ ވެރިކަން ކުރާ ޕާޓީ ޕީއެންސީންނެވެ. ޕީއެންސީން ކާމިޔާބު ކުރީ ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި އާއި މާފަންނު ދެކުނު ދާއިރާގެ ގޮނޑި އާއި މުލަކު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިއެވެ. އެމްޑީޕީން ކާމިޔާބު ކުރީ މާލޭގެ މޭޔަރު ކަމުގެ ގޮނޑި އާއި މެދުހެންވޭރު ދާއިރާގެ ގޮނޑިއެވެ.

މާލޭގެ މޭޔަރު ކަމުގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމެވެ. އޭނާ އަށް 7،621 ވޯޓު ލިބިވަޑައިގެންނެވިއެވެ. އާޒިމްއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގެންނެވީ 5،031 ވޯޓެވެ.

މެދުހެންވޭރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ރިޝްވާނެވެ. އޭނާ އަށް 320 ވޯޓު ލިބިވަޑައިގަތެވެ. ރިޝްވާނާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ފާތުމަތު ޝައުފާ ސަލީމަށް 305 ވޯޓު ލިބިވަޑައިގަތެވެ.

ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އައިމިނަތު ރިޝްފާ އަހުމަދެވެ. އޭނާ އަށް 411 ވޯޓު ލިބިވަޑައިގަތެވެ. ރިޝްފާ އާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު ހައްވާ ނިހްލާ އަށް 308 ވޯޓު ލިބިވަޑައިގަތެވެ.

މާފަންނު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމެވެ. އޭނާ އަށް 383 ވޯޓު ލިބިވަޑައިގަތެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު އިމްރާނަށް 343 ވޯޓު ލިބިވަޑައިގަތެވެ.

މުލަކު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ވެސް ނެގީ ޕީއެންސީންނެވެ. އެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ޒައީމާ އަބްދުއްރަޝީދެވެ. އޭނާއަށް 243 ވޯޓު ލިބިވަޑައިގެންނެވިއެވެ. އޭނާއާ ދެކޮޅަށް އަމިއްލަ ގޮތުން ވާދަކުރެއްވި މަރިޔަމް ހަސަން އަށް 229 ވޯޓު ލިބިވަޑައިގެންނެވިއެވެ.